English Edition
Dhivehi Edition
ޝެއިޚް އަލީ ޒައިދު - ފޮޓޯ: ފޭސްބުކް

ދުލުން އިސްލާމްދީނަށް ލޯބިކުރާ ކަމުގެ އެވޯޑް ހޯދިޔަސް ﷲ ބައްލަވާ ވޮޑިގަންނަވާނީ އަމަލަށް ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ބަންދުން ދޫކޮށްލުމާއި ގުޅިގެން ކުރިއްވި ޓުވިޓެއްގައެވެ.

ޝައިހް އަލީ ޒައިދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އިސްލާމް ދީނުގައި ބޮޑު ހައްދެއް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް ފާފަ ކުރުން، އެއީ ލުއި ކަމެއްގެ ގޮތުގައި ދައުލަތާއި ޤާނޫނާއި، ޤާނޫނީ މުއައްސަސާތަކުން ދެކޭ ދެކުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމުގައެވެ. “ދުލުން އިސްލާމްދީނަށް ލޯބިކުރާ ކަމުގެ އެވޯޑް ހޯދިޔަސް ﷲ ބައްލަވާ ވޮޑިގަންނަވާނީ އަމަލަށް” އަލީ ޒައިދު ވިދާޅުވިއެވެ.

އަލަމްގިރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަންދުކޮށްފައިވަނީ ޤާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުސް އޮފިސަރެއްކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ. މި މީހުން އަލަމްގިރާ އެކު ގުޅުން ހިންގާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެމީހުން ދޫކޮށްލުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.