އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ހަ މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ މިނިވަންވެއްޖެއެވެ.
ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ރުސްތުމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އެ އިއުތިރާފް ދަމަހައްޓާފައެވެ.
ގާނޫނުގައި އޮންނަ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެވޭނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އެ އަދަބު ތިން މަހާއި 18 ދުވަހަށް ދަށްވާނެ
ދެ މައްސަލަ ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވީ ނަމަވެސް އެ އަދަބު ބޮޑު ކުރުމަށް ދައުލަތުގެ ވަކީލުން އެދިފައެއް ނުވެއެވެ. އަދި ދައުލަތުން އެދުނު ގޮތަށް ރުސްތަމްގެ އަދަބު ކުޑަކޮށް ކްރިމިނަލް ކޯޓުން ވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަސް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އެހެންނަމަވެސް ރުސްތުމް މިހާރު ބަންދުގައި ހަ މަސް ދުވަސް ހޭދަ ކޮށްފައިވާއިރު، ގާނޫނުގައިވާ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް އޮންނާތީ އެ ހުކުމް ތަންފީޒުކުރަން އޭނާ އަލުން ޖަލަށް ދާކަށް ނުޖެހެއެވެ.