English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙާ ގުޅިގެން، އުފެދުނު ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކުރާ ގޮތުގައި ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ 07 ފެބުރުވަރީ 2021 ވީ އާދީއްތަ ދުވަހު އެވެ.

ޖުޑީޝަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑު އުފެދުނީ 05 ޖަނަވަރީ 2021 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޤަވާޢިދުގެ ދަށުންނެވެ. އެޑްވައިޒަރީ ބޯޑަކީ، ޖުޑިޝަލް ސަރވިސް ޤާނޫނުގެ 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުން ޖުޑީޝަލް އެކެޑެމީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ލަފަޔާ އިރުޝާދު ދިނުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑެކެވެ.

އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖުޑީޝަލް އެކެޑެމީން ހިންގާ އެކި އެކި ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ބޭނުންވާނެ ލަފާދިނުމާއި، އެކެޑެމީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރު ކުރުމާއި، އެކެޑަމީ ހިންގުމަށްޓަކައި ހަދާ އެކި އެކި އުސޫލުތައް ފާސްކުރުން ހިމެނެއެވެ.

އެޑްވައިޒަރީ ބޯޑުގެ ޤަވާއިދުގެ ދަށުން ބޯޑަށް ޢައްޔަން ކުރެވިފައިވާ މެންބަރުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއި ޖުޑީޝަލް އެކެޑަމީ ހިންގާ އިސްވެރިޔާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއް އަދި ތަޢުލީމީ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަރާތެއް ހިމެނެއެވެ.