English Edition
Dhivehi Edition
އައިޝަތު ރިޒްނާ ފޮޓޯ: ނިޝާން އަލީ / މިހާރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އައިޝަތު ރިޒްނާ އިސްތިއުފާ ދެއްވައިފިއެވެ.

ރިޒްނާ މަގާމުން އިސްތިއުފާ ދެއްވުމަށް، ޑީޖޭއޭގެ ރައީސް ހުސައިން ރިޒާއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިދިޔަ ޖޫން މަހުން ފެށިގެން ޑީޖޭއޭ ހިންގުމަށް ތަންފީޒުކުރެވިފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ސަބަބުން ޖުޑިޝަލް ސާވިސް ކޮމިޝަނާއެކު މަސައްކަތް ކުރެވޭނެ އެއްވެސް މާހައުލެއް ނެތް ކަމަށެވެ.

ޝަރުއީ ދާއިރާގައި އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އިޖާބީ ތަސައްވުރެއް ހާމަކޮށްފައިނުވާ ކަން ފާހަގަކުރައްވަމުން ރިޒްނާ ވިދާޅުވީ މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފައެއް ވެސް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އެހެންވެ، އެކަންތައް ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ ޖުޑިޝަރީގެ އިދާރީ ހިންގުމާ ގުޅޭ މުހިންމު ކަންތައް ހިންގުމަށް ހުރަސް އެޅިފައިވާ ކަން ރިޒްނާ ވަނީ ފާހަގަކުރައްވާފައެވެ.

ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.