ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރާ ގޮތުގައި އެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، ކޮމިޝަނުގެ ވެބްސައިޓާއި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން 1414 އަށް އެސް.އެމް.އެސް ((VR space IDNO Send to 1414) ކޮށްގެން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެއެވެ.
އީސީން ބުނީ އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 ފެބްރުވަރީ 9 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ފެބުރުވަރީ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ކަމަށާއި، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.
މީގެ އިތުރުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި، އެ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އީސީން ހާމަކުރެއެވެ.
އީމެއިލް މެދުވެރިކޮށްނަމަ ޝަކުވާ ފޯމު ހުށަހަޅާނީ އީސީގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ލިޔެކިއުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އީސީން ބުންޏެވެ.