English Edition
Dhivehi Edition

ގއ. މާމެންދޫގައި މިމަހުގެ 8 ވަނަ ރޭ ހިނގި ގުރޫޕު މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިއަދު އިތުރަށް ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުންގެ ސީރައަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމެއް މާމެންދޫގައި ހަރަކާތްތެރިވަމުން އަންނަ އިރު އެ މަރާމާރީއާ ގުޅިގެން މީގެ ކުރިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މާރާމާރީއާ ގުޅިގެން އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު މަރުވެ، އެކަކު ވަނީ ޒަހަމްވެފައެވެ. .ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ޒަހަމްވެފައިވަނީ އުއްދަޔުގެ ބޭބެ، ފިރުޝާން ޒާހިރު 21 އެވެ. މާރާމާރީގައި ފިރުޝާންގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބުބުން ދެ ސެންޓިމީޓަރު ފުންކޮށް ކަފައިގެން ގޮސްފައިވާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މާރާމާރީގައި މަރުވި އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައި އޭނަގެ ހަށިގަނޑުވަނީ މިހާރު މާލެ ގެންގޮސްފައެވެ.