English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގެ ގެއަކަށް ވަދެ މީހެއްގެ ގަޔަށް މިއަދު ވަޅި ހަރައިފި އެވެ.

މިޙާދިސާއާއި ގުޅިގެން ފުލުހުން ބުނީ ދެ ގުރޫޕެއްގެ ދެމެދުގައި މަރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު ފަހު 3:30 ހާއިރު ލިބިފައިވާ ކަމަށާއި މި މާރާމާރީގައި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޒަޚަމްވި ޒުވާނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއީ އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދިން ރައްދު ހަމަލާއެއް ކަމަށް ބެލެވެ އެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލެ ގެނެސްފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް ރޭ 9:30 އެހާކަންހާއިރުއެވެ. އައިޖީއެމްއެޗްއިން ވަނީ އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށާއި، ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ބުނެފައެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ މީހަކު ޒަހަމްކޮށްލި ކަމުގެ ތުހުމަތަަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ސީޓިއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. މި މާރާމާރީގެ މައްސަލަ ފުލުންދަނީ ތަހުޤީޤުކުރަމުންނެވެ.