English Edition
Dhivehi Edition

ވެރިކަން ހިންގާ މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ދައުވާކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑު އެހުމުގައި ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރީ މީގެ ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދައުލަތުގެ އެދުމާއެކު މައްސަލައިގެ ބާވަތުން މުޖުތަމައުއަށް ނުރައްކާވުމުގެ އިހްތިމާލު އޮތް ކަމަށް ބަލާފަ އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތާވަލުކުރި ނަމަވެސް ފައިހުގެ ވަކީލުގެ އެދުމުގެ މަތިން ގާޒީ ވަނީ އެ އަޑުއެހުން ފަސްކޮށްދެއްވާފަ އެވެ.

މީގެ ކުރިންވެސް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުލުހުން ހޯދި އިބްރާހީމް ފައިހު ނިޒާމް އަކީ، މާލޭގެ ކެފޭ އެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއެވެ.

އޭގެ ފަހުން އޭނާ ވަނީ މިދިޔަ މާޗު 21، ގައި އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

ފައިހު ހޯދުމަށް ފުލުހުން މާލޭގައި ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔައިރު އޭނާ ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މިހާރު ދޫކޮށްލާފައިވާއިރު އަނެއް ތިން މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.