English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓްރީ - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ހިންގާ މަޝްރޫޢޫތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމަށް އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން ހުއްދަ އެ މިނިސްޓްރީން ހޯދައި، ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަން، ބުނެވިދިޔަ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން، ބިދޭސީ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމުގެ ކުރިން، މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކޮށް، ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި، އެފްޑީއައި ޕޮލިސީ އެކުލަވާލައި، 11 ފެބްރުއަރީ 2020 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ހިންގޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކުރިމަތިލައި، ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާ ހަވާލުކުރެވި، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި، ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ޙަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ޙަރަކާތެއް ހިންގުމަކީ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މަނާކަމެއް ކަމަށާއި، އެފްޑީއައި ޕޮލިސީއާއި ޚިލާފަށް ހިންގާ ވިޔަފާރިތައް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ޙަވާލުކުރި ފަރާތާއިމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

އަދި، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ޢަމަލެއްކޮށްފިނަމަ، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް މުއްދަތެއް ދީ، އިޞްލާޙުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފޮރިން އިންވެސްޓަރުންގެ ތެރެއިން، ޞައްޙަ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތް ފޮރިން އިންވެސްޓަރުންގެ މަޢުލޫމާތުވެސް ޝާއިޢުކޮށްފައެވެ. އަދި ޝާއިޢުކޮށްފައިވާ އެ ލިސްޓުގައި ހިމެނޭ ކޮންމެ ފަރާތަކީވެސް، ވަކި މަސައްކަތަކަށް ނުވަތަ ވަކި މަޝްރޫޢޫއަކަށް ހުއްދަ ދީފައިވާ ފަރާތްތަކަކަށްވާތީ، ހުއްދަ ދީފައިވާ މަސައްކަތް ނުވަތަ މަޝްރޫޢު ނޫން އެހެން މަސައްކަތެއް ނުވަތަ މަޝްރޫޢުއަކާއި ހަވާލުވުމުގެ ކުރިން، މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގައި ހިންގާ ސަރުކާރުގެ މަޝްރޫޢޫތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާއި، ޕްރައިވެޓް ސެކްޓަރ މަޝްރޫޢުތަކަށް ކުރިމަތިލާ ބޭރުގެ ފަރާތްތަކަށް މަޝްރޫޢު އެވޯޑު ކުރުމުގެ ކުރިން، އެ ފަރާތަކުން، އެފަދަ މަޝްރޫޢުއެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް ވަނީ އަންގައިފައެވެ. އެގޮތުން، ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށެވެ.

އަދި އެގޮތުގެ މަތިން، ހުއްދަ ނުހޯދައި، އެކިއެކި މަޝްރޫޢޫތައް ނުވަތަ ވިޔަފާރި ހަރަކާތްތައް ހިންގުމަށް ކުރިމަތިލާ ފަރާތްތައް ބެލްކެލިސްޓުކުރުމަށްފަހު، އެ މިނިސްޓްރީގެ ވެސްބައިޓުގައި ޝައިޢުކުރާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.