English Edition
Dhivehi Edition

އަންހެނުން ވިޔަފާރި ފަށައިގަތުމަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމީގެ ސްޓްރެޓެޖީ އާއި ފަންޑު އިފުތިތާހުކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފަންޑު އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

ފަންޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ކްރިއޭޓަރުންނާއި އުފެއްދުންތެރިންނަށް ދުނިޔޭގެ އޮންލައިން ޕްލެޓްފޯމުތަކުން ޖާގަ ހޯދައި ދެވިއްޖެ ނަމަ އެ ވިޔަފާރިތަކަށް ފުޅާވާން ވަރަށް ބޮޑަށް ފުރުސަތު ލިބޭނެ ކަމަށެވެ. މީގެ އިތުރުން ގޫގުލް އާއި އެމެޒަން އާއި ޔޫޓިއުބް ފަދަ ތަންތަނުން އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކޮށްދޭން ސަރުކާރުން މަސައްކަތް ކޮށްދެއްވަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ފަންޑަށް އެދި ހުށަހެޅުމަށް އަންނަ މަހުގެ 10ވަނަ ދުވަހު ހުޅުވައިލާއިރު، މި ފަންޑުގެ ތެރެއިން ކޮންމެ ފަރާތަކަށް ބައިލައްކަ ރުފިޔާއާއި ތިން ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ނެގުމަށް ހުށަހެޅޭނެއެވެ. އޭގެއިތުރުން، މި ފަންޑުގެ ތެރެއިން ސްޓާޓަޕް ލޯނަށް އަންހެނުންނަށް 100 މިލިއަން ރުފިޔާ އެދި ހުށަހެޅޭނެއެވެ. މިއަހަރު އެ ފަންޑުގެ ތެރެއިން ފޯކަސް ކުރާނީ ފިލްމުތަކާއި މިއުޒިކްތައް އުފެެއްދުމަށާއި އާޓް އެންޑް ކްރާފްޓުގެ ދާއިރާއަށާއި ކޮންޓެންޓު ކްރިއޭޓިންގެ ދާއިރާއަށެވެ. އަދި، އަންނަ އަހަރުގެ އިތުރު ދާއިރާތަކުން މި ފަންޑުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކްރިއޭޓިވް އިކޮނޮމީ ގާއިމްކުރުމަށް 8 ސްޓްރެޓެޖީ އަކާއި 78 ވައުދެއް ތައާރަފްކޮށްފަ އެވެ. އަދި ކްރިއޭޓިވް ފަންޑެއް ވެސް ހުޅުވާލައިފަ އެވެ. ރާއްޖޭގައި އީޖާދީ އަދި އަމިއްލަ އުފެއްދުންތެރި ފަރާތްތަކަށް އެ ފަންޑުގެ ތެރެއިން 50،000ރ. އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ މާލީ އެހީތެރިކަން ލިބޭނެ ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުންޏެވެ.

އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ‘ސްޓާޓްއަޕް ލޯން ސްކީމް’އެއް ތައާރަފު ކުރުމަކީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ.