އައްޑޫގެ ހާލަތު ވަރަށް ގޯސްކަމަށާއި ހުރިހާ ހިސާބަކުންވެސް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ އައްޑޫ ސިޓީގައި ކޮވިޑުން ރައްކާތެރިވުމަށް އެންމެ ތަނެއްގައި ވެކްސިން ދިނުމުގެ ބަދަލުގައި އެކި އަވަށްތަކުގައި ހުރި ހެލްތް ސެންޓަރުތަކުން ވެކްސިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގޮވާލާފައެވެ.
މިވަގުތު އައްޑޫގެ ހާލަތު ބަޔާންކޮށްދެއްވަމުން ނިހާދު ވިދާޅުވީ އައްޑޫސިޓީ އިން ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އިއްޔެގެ އިރުއޮއްުސުމާއި ހަމައަށް އައްޑޫ އިން 40 މީހަކު ޕޮޒިޓިވްވެފައިވާކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ ޕޮޒިޓިވްވި ބައެއް މީހުން ޑޮކްޓަރަށް ދައްކަން ދިއުމާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންގެ އެތައްބަޔަކު ކަރަންޓީންވާން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ނިހާދު ވިދާޅުވީ ސާމްޕަލް ނެގުމަށްޓަކައި އިންތިޒާރުކޮށްގެން ތިބެންޖެހޭ ވަގުތު ވަރަށް ގިނަ ކަމަށާއި ހުން އައިސް ބަލިކޮށްވެސް އެތެއް ބަޔަކު ގޭގައި އެބަތިބިކަމަށެވެ.
އައްޑޫސިޓީގައި ވެކްސިން ޖަހަމުން ދަނީ އެންމެ ތަނަކުންކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ އައްޑޫގެ އެކި ހިސާބުތަކުން ވެކްސިންޖަހަން ބޭނުންވާ މީހުން ދާންޖެހެނީ އެތަނަށް ކަމަށެވެ. އެހެންކަމުން އައްޑޫގެ ހުރިހާ ހިސާބަކުންވެސް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިހާދު ވަނީ ގޮވާލާފައެވެ.