English Edition
Dhivehi Edition
މަރު ކޮމިޝަނުން އާންމުކުރި ވަޅި -- ފޮޓޯ/ މަރު ކޮމިޝަން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު ރޭ ފެނުނު ވަޅިއާ ގުޅޭ މައުލޫމާތު ހިއްސާކުރާ މީހަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފިއެވެ.

ލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ ރިލްވާން ދިރިއުޅުނު އެޕާޓްމެންޓް ކައިރިން، އޭނާ ވަގަށް ނެރި ރޭ ފެނުނު ވަޅި އާއްމުކޮށްފަ އެވެ. ޑައިވިން ސާމާނު އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސައިކޯ ޑައިވްގެ އެ ވަޅި އާންމުކޮށް ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއާ ބެހޭ ސައްހަ މައުލުމާތު ދިން މީހަކަށް ފައިސާގެ އިނާމް ހުށަހާޅާފައެވެ.

މިގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އޭގެ އިތުރުން ވަޅިއާ ގުޅޭ ގޮތުން ނުވަތަ ރިލްވާން ގެއްލުވާލުމާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން ސާބިތުހިފޭ ވަރުގެ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.މައްސަލައާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދޭނެކަމުގެ ޔަގީންކަން މަރު ކޮމިޝަނުން ދީފައިވާއިރު އެ ކޮމިޝަނުންވަނީ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ. ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުއެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.އަދި ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާކަމަށް އޭނާގެ އާއިލާއިންވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.