މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސްއަށް އަރުވާފައިވަނީ އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ވަނީ އަޙްމަދު ރިޟްވާން ޢަބްދުاللهގެ ޢާއިލާ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްޞީލުކޮށް އާއިލާއާ ޙިއްޞާކުރައްވައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެ މަޢުލޫމާތުތައް ޙިއްޞާކުރައްވަންޖެހޭ ފަރާތްތަކާ ޙިއްޞާކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
އަޙްމަދު ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭގައެވެ.ރިޟްވާން ގެއްލުނު ރޭ، އޭނާގެ ހަރަކާތްތައް ފެންނަ ބައެއް ސީސީޓީވީ ފޫޓެޖްތައް ހޯދާފައިވާއިރު އޭގެއިން ފެންނަ ގޮތުން ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ފެނެއެވެ.
މި މައްސަލައިގެ ރިޕޯޓްގައިވާ ގޮތުން ހުޅުމާލޭގައި ރިޟްވާން ދިރިއުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އޭނާ އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލީއެވެ.