އިޖިޕްޓްގެ އުމުރުން އެންމެ 5 އަހަރުގެ ކުއްޖަކު ހޯމްވޯކް ނުނިންމައިގެން, އެމައްސަލައިގައި އެ ކުއްޖާގެ ބައްޕަ އައި ރުޅީގައި ކުއްޖާ މަރާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެކުއްޖާ އަށް ތަދުތަކަށް ކެތް ނުކުރެވިގެން ބައްޕަކައިރީ އެކުއްޖާވަނީ އަނިޔާ ނުކުރުމަށް އާދޭސްކޮށްފައެވެ. ތުއްތު އަންހެން ކުއްޖާ ގައިގައި ޕްލާސްޓިކް ހޮޅިބުރި އަކުން ބައްޕަ ތަޅަމުން ގެންދިޔަ އިރު އެކުއްޖާވަނީ އަނިޔާނުކޮށް ހުއްޓާލުމަށް އާދޭސްކޮށްފައިވީ ނަމަވެސް އެބައްފަ ވަނީ ކުއްޖާގެ ރުއިމާއިި އާދޭހުގެ އަޑަށް ބީރުކަންފަތެއް ދީ އެކުއްޖާގެ މޭމަތީގައި އާއި ބޮލުގައި އަދި ދެފައިގައި ތަޅާވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. “ބައްޕާ އަހަރެން ކޮންމެ ދުވަހަކު ފިލާވަޅު ނިންމާނަން. އަހަންނަށް މާފްކުރޭ. އަހަންނަކީ ބައްޕަގެ ކުޑަ ޕްރިންސެސް” އާރެއް ބާރެއް ނެތް އެތުއްތު ކުއްޖާ ހުއްޓާނުލާ އާދޭސް ކުރަމުން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކުއްޖާގެ އާދޭހުގެ އަޑާއި ރޯއަޑު އިވިގެން ޖެހިގެން ހުރި ގޭގެ މީހުން ވަނީ ފުލުހުންނަށް ރިޕޯރޓް ކޮށްފައެވެ. ނަމަވެސް ފުލުހުން އައި އިރު އެކުއްޖާ އަށް ލިބުނު އަނިޔާ ތަކަށް ކެތްނުކުރެވި އެކުއްޖާވަނީ މިދުނިޔެ ދޫކޮށްފައެވެ. ކުއްޖާގެ ބައްޕަވަނީ އޭނަގެ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް އޭނަ ފުލުހުން ކައިރީ ބުނެފަވަނީ ކުއްޖާއަށް އަނިޔާ ކުރީ މަރާލާކަށް ނޫންކަމަށެވެ. އިޖިޕްޓްގެ ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.