ބޮލީވުޑްގެ އެކްޓަރ ރާކީ ސާވާންތް މަރާލާނެ ކަމުގެ އިންޒާރު އޭނާގެ ފިރިމީހާ އާދިލް ދުރާނީ ދިން ކަމަށް ބުނެފިއެވެ.
މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އާދިލް ރާކީ އާމެދު ކަންތައް ކުރަމުން އައި ގޮތް މީޑިއާ އާއި ހިއްސާ ކުރަމުން އޭނާ ބުނީ، އެކްޓަރ އަކަށް ހަދައި ދިނުމަށާއި އޭނާ އަކީ މުއްސަނދި ވިޔަފާރި ވެރިއެއް ކަމަށް މީހުންނަށް ގަބޫލު ކުރެވޭ ގޮތަށް ވާހަކަ ދެއްކުމަށް އަބަދުވެސް ބުނާކަމަށެވެ. މިކަންކަން ކުރުމަށް ބިރުދައްކައި އޭނާގައިގަ ތަޅައި އަނިޔާ ކުރާ ކަމަށްވެސް ރާކީ ބުންޏެވެ. އަދި އެހެން މީހުންނާ ގުޅުން ހިންގައި އެ ވީޑިއޯތައް ރާކީ އަށް ދައްކައި ހިތް ހަލާކު ކުރާނެ ކަމަށާއި 50000ރުޕީސް ދީގެން ބޮޑު ޓްރަކެއް ރާކީގެ ގައިމަތިން ދުއްވާ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައި ވާކަމަށެވެ.
މީގެ އިތުރުން ރާކީ ބުނީ އާދިލް އާއި އޭނާގެ ބޭބެ އާއި ދެމީހުން ވެގެން އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާކަމަށެވެ. އަދި އޭނާގެ ގެއަށް އައިސް ގޭގައި ހުރި ފައިސާ ތަކާއި ގަހަނާ ތައްވެސް ވަގަށް ގެންގޮސްފައި ވާކަމަށެވެ.
އާދިލްގެ މައްސަލަތައް ރަކީ މީޑިއާ ތަކަށް ހާމަކުރަން ފެށީ އޭނާ ދުވަސް ކޮޅަކަށް ރާކީ އަށް ފިލައިގެން އުޅުމުންނެވެ. ރާކީ ބުނާ ގޮތުން އާދިލް ފިލައިގެން އުޅުނީ އެހެން އަންހެނަކާ ރައްޓެހި ވެގެންނެވެ. އޭގެ ފަހުން އާދިލް އާއި ރާކީ ކައިވެނީގެ ފޮޓޯ އޭނާ މީޑިއާ އާއި ހިއްސާކުރިއެވެ. އެ މައްސަލައިގައި ވެސް އާދިލްވަނީ ރާކީ ކުށްވެރި ކޮށްފައެވެ.
ރާކީ ބުނީ އެނގިފައިވާ ގޮތުގައި އާދިލް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށް ވަރިވެސް ވެފައެވެ. އަދި އާދިލް ކައިވެނިން ބޭރުގައި އެތައް ބަޔަކާ އެއްކޮށް ޖިންސީ ގުޅުން ހިނަގާ ކަމަށްވެސް ރާކީ ތުހުމަތު ކުރެއެވެ.
ރާކީގެ ވަކީލާއި ބޭބެ ވަނީ އާދިލް އޭނާ އަށް އަނިޔާ ކޮށްފައިވާ ކަމުގެ ހެކި ފެންނަ ފޮޓޯތައް ނޫސްވެރިންނަށް ދައްކާފައެވެ. ރާކީ އަކީ މީޑިއާއާއި އަބަދު ގާތްކަން ބާއްވާ މީހަކަށް ވާއިރު ގިނަމީހުން މިއީ އޭނާ ކުޅޭ ޑްރާމާ އެއްކަމަށް ބުނެ ފުރައްސާރަ ކޮށްފައި ވެއެވެ. ރާކީގެ ބޭބެ ބުނީ ރާކީ ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ކަމަށާއި އޭނާ މިވަގުތު ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި އެންމެންގެ ސަޕޯޓް ބޭނުންވާ ކަމަށެވެ.
ރާކީގެ މަންމަ ކެންސަރާއި ހަނގުރާމަ ކޮށް މަރުވެފައުވަނީ ދާދިފަހުންނެވެ. އޭނާ އެކަމުގެ ހިތާމައިން އަރައި ނުގަނެވިގެން އުޅެނިކޮށް ފިރިމީހާގެ ފުށުން ލިބެމުން އަންނަ އަނިޔާ ތަކާހެދި ވަރަށްބޮޑަށް ސިކުންޑިއަށް އަސަރު ކޮށްފައިވާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
އާދިލް ހައްޔަރު ކޮށްފައިވަނީ މުމްބާއީގެ އޮޝިވާރާ ޕޮލިސް ސްޓޭޝަނުންނެވެ. ފެބްރުއަރީ 8ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކޮށްފައި ވެއެވެ. އާދިލް އާއި ދެކޮޅަށް ރާކީ އުފުލާފައިވާ ދައިވާ އަކީ ގެވެށި އަނިޔާގެ މައްސަލަ ތަކާއި ހިޔާނާތުގެ މައްސަލަތަކެވެ.
މުމްބާއީގެ އޮޝިވާރާ ޕޮލިސް އިން ދަނީ މިހާރު މިމައްސަލަ ބަލަމުންނެވެ.