މަރުވެފައިވަނީ އާއިލާގެ މެމްބަރެއްކަން ޔަގީން ކުރުމަށް ފަހު ވަޅުލީފަހުން އޭނާ ދިރިހުއްޓާ ފެނިއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޕަލްގަރ އަވަށުގައެވެ.
ޕަލްގަރ އަވަށުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ “ޓީ.އޯ.އައި” ގައި ބުނެފައިވަނީ، ޖެނުއަރީ 29ވަނަ ދުވަހު ބޮއިސަރުން ޕަލްގަރ އަށް ދަތުރު ކޮށްފައިވާ ރޭލްގައި ޖެހި ފިރިހެނަކު މަރުވެފައިވާ ކަމަށާއި އޭނާ އަކީ ކޮން އާއިލާ އަކަށް ނިސްބަތްވާ މީހެއްކަން ހޯދި ހޯދުމުން މީހަކު އައިސް ބަލާފައި އެއީ މީގެ ދެ މަސްކުރިން ގެއްލިފައިވާ އޭނަގެ ބޭބެ ކަމަށްވާ ރަފީގު ޝެއިކް ކަމަށް ބުނުމުން އާއިލާ އާއި ހަށިގަނޑު ހަވާލު ކުރިކަމަށެވެ. ފުލުހުން ބުނީ ރަފީގު ޝެއިކްގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރީ ކެރެލާގައި ދިރިއުޅޭ އޭނާގެ އަނބިމީހާ އަށްވެސް ހަށިގަނޑު ދައްކައި އެމީހުން ޔަގީން ދިނުމުން ކަމަށެވެ.
ރަފީގު ޝެއިކް ވަޅުލުމުގެ ކަންތައް ހަމަ ޖައްސައި އާއިލާއިން އޭނާ ވަޅުލައި މަރުވީ ކަމަށް ނިންމައިގެން ތިއްބާ އެއާއިލާގެ އެހެން މީހަކަށް ރަފީގު ޝެއިކްގެ ވީޑިއޯ ސޯޝަލް މީޑިއާއިން ފެނުމުން ހައިރާންވިއެވެ. އަދި ފުލުހުންނަށް ގުޅައި މައްސަލަ ރިޕޯރޓް ކުރިއެވެ. ފުލުހުން ބުނީ ރަފީގު ޝެއިކް އާއިލާ އަށް ފިލައިގެން ޕަލްގަރ އަވަށުގައި ދިރި އުޅޭކަން އެނގުނީ މި މައްސަލަ ފެންމަތި ވުމުން ކަމަށެވެ.
ޕަލްގަރ އަވަށުގެ ފުލުހުން މިހާރު ދަނީ މަރުވި މީހާ އަކީ ކޮން އާއިލާ އަކަށް ނިސްބަތްވާ މީހެއްކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތަކަށް ކަންތައް ދިމާވީ ރޭލުގައި ޖެހިފައި އެމީހާގެ ހަށިގަނޑު ކާކު ކަން ނޭނގޭ ވަރަށް ޗަސްވެފައި އޮތުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.