English Edition
Dhivehi Edition
އައްޑޫގައި ވެކްސިން ޖެހުން ކުރިއަށް ދަނީ/ފޮޓޯ ސޯޝަލް މީޑިއާ

ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ކޮވި ޝީލްޑްވެކްސިން މިހާތަނަށް ޖެހި އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނުވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ސޯޝަލް ސެންޓަރުން ވެކްސިން ޖެހި 2 މީހަކަށް އުނދަގޫތަކެއް ވާކަމަށް ރިޕޯޓް ކުރުމުން ފަރުވާ ދެވުނު ކަމަށާއި އޭގެ އިތުރުންވެސް ހުން އައުން ފަދަ ބައެއް ޢަލާމާތްތައް ހުރެގެން ފަރުވާ ދެވުނު ކަމުގައިވިޔަސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދީފައި ނުވާކަމަށެވެ.

” އިއްޔެ ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހި ދެ މީހަކު ކަރު ތެރެއަށް އުނދަގޫވުމައި ހިތް އަވަސްވުމާއި މިކަހަލަ ބައެއް ކަހަލަ އަމާލަތްތައް ފެނުނު. އެފަރާތްތަކަށް އެތަނުގައި ފަރުވާ ދެވުނު. މީގެ އިތުރުން ބައެއް މީހުން ހުން އައުމާއި ގައިގަ ރިއްސުމާއި ވެކްސިން ޖަހާ ތަންތަނަށް ތަދުވުން ކަހަލަ އަލާމަތްތައް ފެނިފައި ވިޔަސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ވަރަށް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނުވޭ. ” ޑރ. ނަޒްލާ

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2،375 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 7،963 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 523 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 1،789 އަކަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 14 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ރާއްޖޭގައި ޖަހަމުންދަނީ އެސްޓްރަޒެނިކާއާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން އުފެއްދި ބްރޭންޑެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފައްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ”ކޮވިޝީލްޑް”ގެ ނަމުން ނަންދީފައެވެ. އެސްޓްރަޒެނިކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ 2021 ޖެނުއަރީ 20 ވަނަ ދުވަހުގައެވެ.