ދުނިޔޭގެ ޗަސްބިމާއި ބެހޭ ދުވަސް ނުވަތަ “ވެޓްލޭންޑް ޑޭ” ފާހަގަ ކުރުމަށް އައްޑޫސިޓީ ހިތަދޫގައި ޚާއްސަ ޙަރަކާތްތަކެއް ހިންގައިފިއެވެ. އައްޑޫސިޓީގެ ތިމާވެއްޓަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާ އެއް ކަމަށްވާ ވެށި ސާފުން އިސްނަންގަވައިގެން ޖޭސީއައި އާއި އައިރަނާސް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގި މިޙަރަކާތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެން އޮތް ކުޅި ސަރަޙައްދު އެއްކޮށް ސާފު ކޮށްފައިވެއެވެ.
ގާތްގަނޑަކަށް 100 އެއްހާ މީހުން ބައިވެރިވި މިޙަރަކާތުގައި ބައިވެރިންވަނީ ކުޅި ކައިރި ސާފުކޮށް އެސަރަޙައްދަށް ޖަމާވެފައިވާ ކުނިބުންޏާއި ގަސްގަހާގެހީގެ ހިކިފައިވާ ބައިތައް ނަގާ ތަން އެއްކޮށް ސާފުކޮށްފައެވެ.
ޖަމްޢިއްޔާ ތަކުގެ މެމްބަރުންނާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި މިޙަރަކާތް ޝަރަފްވެރިކޮށްދެއްވީ ދެކުނުގެ 4 އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ އެއް ކަމަށްވާ ސްކީމްގެ އެއް ފައުންޑަރ އަދި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދެވެ. ކުޅި ސާފުކުރުމުގެ ޙަރަކާތް ނިންމާލީ ދުވަހާއި ގުޅޭ ޝިޢާރު ހިމެނޭ ކޭކު ފެޅުމާއި ހެނދުނުގެ ނާސްތާ އަކާއި އެކުގައެވެ.
ވެށި ސާފަކީ އައްޑޫސިޓީ ހިތަދޫގެ ތިމާވެއްޓަށް މަސައްކަތް ކުރުމާއެކު އެކި ސަރަޙައްދުތައް ސާފުކޮށް ނުރައްކާތެރި ކުނިބުނިން ރަށް ސަލާމަތް ކުރުމަށް މެދު ނުކެނޑި ޚިދުމަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ރަށުގެ ހޭޅި ފަށުގެ އެކިތަންތަން ސާފު ކުރުމާއި ޕާކުތައް ވިނަނޮޅާ ރީތި ކުރުމަށް ވެށިސާފުން ގިނަ ޙަރަކާތްތަކެއް މިހާތަނަށް ހިންގާފައި ވެއެވެ. މިއާއެކު ރަށް ފެހިކުރުމަށް އެކި ސަރަޙައްދު ތަކުގައި ގަސްއިންދުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުންނެވެ.
އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލާ ކުނިބުންޏާއި ޕްލާސްޓިކާއި ދެކޮޅަށް ވެސް ޚާއްސަ ކެމްޕޭނެއް ހިންގަމުން އަންނަ ވެށިސާފަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް އައްޑޫސިޓީ ކައުންސިލާއެކު ކުރެވުނު މަސައްކަތުގައި ވެސް މުހިއްމު ދައުރެއް އަދާކުރެއްވި ފަރާތެކެވެ.