ފުވައްމުލަކު ނޭޗަރ ޕާކުން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާ އާއި ގުޅިގެން މިއަހަރުގެ ދުނިޔޭގެ ވެޓްލޭންޑް ޑޭ (ކިޅި، ފާ އަދި ޗަސްބިމުގެ ދުވަސް) ފުވައްމުލަކުގައި ކުލަގަދަކޮށް ފަހާގަކޮށްފިއެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ނޭޗަރ ޕާރކުން ވަނީ ސްކޫލްތަކަށް ޚާއްޞަކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާފައެވެ. މިސެޝަންތަކުގައި ކިޅި، ފާ އަދި ޗަސްބިމުގައި ދުވަހާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި އަދި މިއަހަރުގެ ދުނިޔޭގެ ކިޅި، ފާ އަދި ޗަސްބިމުގެ ދުވަހުގެ ޝިއާރާއި ބެހޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ. މީގެ އިތުރުން ކިޅިތަކާއި ޗަސްބިންތަކުގެ މުޙިއްމުކަމާއި، އެތަންތަނުން ލިބޭ ޤުދުރަތީ ފައިދާތަކާއި މީހުން އެތަންތަން ބޭނުންކުރާ ގޮތްތަކާއި ހޯދާ ފައިދާތަކައި އަދި އެތަނަށް ޤުދުރަތީ ގޮތުންނާއި އިންސާނުންގެ ކިބައިން ލިބޭ ގެއްލުންތަކާއި ބެހޭގޮތުން ދަރިވަރުން ނަށް ވަނީ މައުލޫމާތު ދީފައެވެ. މި ސެޝަންތައް ނަންގަވައި ދެއްވީ ފުވައްމުލަކު ނޭޗަރ ޕާރކުގެ ކޮންޒަވޭޝަން އޮފިސަރ އަމާނީ ޙަބީބާއި ރޭންޖަރ ޢަލީ އަޙްމަދެވެ.
މީގެ އިތުރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމު ތަކުގެ ތެރޭގައި ދަޑިމަގި ކިޅި ސަރަޙައްދުގައި ވަނީ ދުވަހާ ގުޅިގެން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީއެއް ދަޑިމަގި ކިޅި ސަރަޙައްދު (ފުވައްމުލަކު ނޭޗަރ ޕާރކުގެ އޮފީސް ހުންނަ ސަރަޙައްދު) ގައި ވަނީ ހުޅުވާފައެވެ. މިތަން ހުޅުވައިދެއްވީ ރަށުގެ އިއްޒަރްތެރިއެއްކަމަށްވާ ކުރީގެ ކަތީބު މުޙައްމަދު ވަޚީދު އަޙްމަދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަޙީދު އަޙްމަދު ވިދާޅުވީ ދިވެހި ބޭހަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީއެއް މިހާތަނަށް މިރަށުގައި ނެތް ނަމަވެސް އެއީ ވަރަށް މުޙިއްމު އަދި ބޭނުންތެރިތަނެއްކަމުގައެވެ. އެއީ ކިޔަވާ ކުދިންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދައްކާލަން ވަރަށް ރަނގަޅު ތަނެއްކަމަށާއި މިފަދަ އަގުހުރި މަސައްކަތެއް ނޭޗަރ ޕާކުން ކުރީތީވެ ޝަރަފްވެރި މަޙުމާނު ވަނީ ފުވައްމުލަކު ނޭޗަރ ޕާރކަށް ޝުކުރު އަދާކޮށްފައެވެ.
ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދަނޑިމަގި ކިޅި ސަރަޙައްދުގައި ވަނީ އެފް.އެން.ޕީ ލިޓްލް ލައިބަރަރީ ވެސް ހުޅުވާފައެވެ. މިލައިބްރަރީ ހުޅުވައިދެއްވީ ވަން ފުވައްމުލައް ޖަމްޢިއްޔާގެ ރައީސް އިސްމާޢިލް ރަފީޤެވެ.
މީގެ އިތުރުން “ފުވައްމުލަކު ނޭޗަރ ޕާރކް”ގެ ލީފްލެޓާއި “މެޑިސިނަލް ޕްލާންޓްސް ފައުންޑް އިން ފުވައްމުލައް ވެޓްލޭންޑްސް” (ދިވެހިން ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް) ކެޓަލޮގްވެސް ވަނީ ނެރުއްވާފައެވެ. މި ލިޔުންތައް ނެރެދެއްވީ ފުވައްމުލަކުގައި ދިވެހި ބޭސްތަކާއި ތެޔޮ އުފައްދާ ފަރާތެއްކަމަށްވާ ހުވަނދުގެ ވެރިފަރާތް މުޙައްމަދު އަފްރާޙް (ހަނިމާ) އެވެ.
މިރަސްމިއްޔާތުގައި ޝުކުރު ދަންނަވަމުން ފުވައްމުލަކު ނޭޗަރ ޕާރކުގެ އެސިސްޓަންޓް ޑިރެކްޓަރ ޙައްވާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި ފުވައްމުލަކު ނޭޗަރ ޕާރކުގައި ޤާއިމްކުރެވުނު ނާސަރީ މިއަށްވުރެ ފުޅާވެގެން ދިއުމަކީ އުއްމީދުކަމަށާއި މިތަނުގެ ފަރާތުން ދަރިވަރުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކާއި މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ނާސަރީގެ ބޭނުންތަކުގެ ތެރޭގައި ޗަސްބިން ސަރަޙައްދުން މިފަދަ ގަސް މަދުވެއްޖެ ހާލަތެއްގައި ބޭނުންކުރެވޭނެ ސްޓޮކެއް ޤާޢިމްކޮށް ބެލެހެއްޓުން ކަމަށާއި ބޭހަށް ބޭނުންވެގެން އަންނަ ބޭސްވެރިންނަށާއި އެހެނިހެން ފަރާތްތަކަށް މިތަނުން ހިލޭ އެބޭނުންވާ ބައެއް ދެވެން އޮތް މިންވަރަކުން ހިލޭ ދޫކުރެވޭނެކަމަށް ޙައްވާ ރަޝީދު ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ނޭޗަރ ޕާރކުގެ ރޭންޖަރ ޢަލީ އަޙްމަދު ހާމަކުރެއްވި ގޮތުގައި އެފް.އެން.ޕީ ލިޓްލް ލައިބަރަރީ އަކީ ކިތަންމެ ކުޑަ ލައިބްރަރީއަކަށް ވީނަމަވެސް އެލައިބްރަރީން ފުވައްމުލަކާއި، ފުވައްމުލަކު ނޭޗަރ ޕާރކާއި، ކިޅިތަކާއި، ޗަސްބިންތަކާއި އަދި ތިމާވެއްޓާއި ގުޅޭއެކިއެކި ލިޔުންތައް ކިޔާލަން ލިބެން ހުންނާނެއެވެ. މީގެއިތުރުން، ރޭންޖަރ ވިދާޅުވީ “މެޑިސިނަލް ޕްލާންޓްސް ފައުންޑް އިން ފުވައްމުލައް ވެޓްލޭންޑްސް” ކެޓަލޮގުގައި ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ އެކިއެކި ނަންތަކާއި، ބޭހަށް ގަސްތަކުން ބޭނުންކުރާ ބައިތަކާއި އަދި ބޭނުންކުރެވެނީ ކޮން ވައްތަރެއްގެ ބޭސްފަރުވާއަށްކަން މިކެޓަލޮގުގައި ބަޔާންކޮށްފައި ހުންނާނެކަމަށެވެ. އަދި ފުވައްމުލައް ނޭޗަރ ޕާކުގެ ލީފްލެޓްގައި ފުވައްމުލަކާއި، ފުވައްމުލައް ނޭޗަރ ޕާރކާއި، މިރަށުގައި ތިބި ޗަސްބިންތަކާއި ކުޅިތަކާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ހުންނާނެކަމަށް ރޭންޖަރ ވަނީ ވިދާޅުވެފައެވެ.