English Edition
Dhivehi Edition

އިއްޔެ ހަވީރު ހިތަދޫގައި ވަނީ މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތެއް ހިންގާފައެވެ. ހިތަދޫ ވެށިސާފު ޖަމްޢިއްޔާގެ އިސްނެގުމާއެކު އައި ރަނާސްގެ ދުވުންތެރިންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ބޭއްވި މިޙަރަކާތުގައި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު ބައިވެރިވެވަޑައިގެންނެވިއެވެ.

 

އިއްޔެ 4 ޖެހިއިރު ހިތަދޫ ސިޓީ ސްކެޔަރ ގައި ފެށި މިޚާއްސަ ޙަރަކާތް ޝަރަފްވެރިކޮށްދެއްވީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑޮކްޓަރ އާސިޔަތު މުޙައްމަދު ދީދީ އެވެ. ޑޮކްޓަރ އާސިޔަތު ވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ޒުވާނުން ތިބުމަށް އެދޭނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެކަން ކާމިޔާބު ކުރުމަށް އަގުބޮޑު ތަކެއްޗާއި ބޮޑު ޚަރަދެއް ނުކޮށްވެސް ވަރަށް ފަސޭހަ ކަމާއެކު މަސައްކަތް ކުރެވިދާނެ ކަން ފާހަގަ ކުރައްވާފައެވެ.

ޒުވާނުންގެ ދުވަހަށް ޚާއްސަކޮށްގެން ބޭއްވި މިޙަރަކާތަށް އެންމެންވެސް ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މާނަފުން މެސެޖްތަކެއް ފޯރުކޮށްދިން މިޙަރަކާތް ކުރިއަށް ދިޔައީ ދުޅަހެޔޮ ކަމާއެކު ހެލިފެލިވުމަށް އިރްޝާދުދީ ވެއްޓަށް އެންމެ ގެއްލުންދޭ ޕްލާސްޓިކް ކުނިބުނިން ޕާކްތަކާއި ރީތި ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް ހިތްވަރު ދެމުން އެތަކެތި ނަގާ ޖަމާކުރުމާވެސް އެކުގައެވެ.

ވަރަށް ފޯރިއާ ޖޯޝާއެކު ކުރިއަށްދިޔަ މިޙަރަކާތުގައި ސިޓީ ސްކެއަރ އިން ފެށިގެން ހިތަދޫ ކަނބިހާ ބީޗް ސަރަޙައްދާއި ހަމަޔަށް ސާފުކުރުން ކުރިއަށް ދިޔައެވެ.

 

ޒުވާނުންގެ ދުވަހުގެ ޙަރަކާތް ނިމިގެންދިޔައީ ތިމާވެއްޓާއި ސިއްޙަތަށްވެސް ގެއްލުން ނުވާނެ ހެން ތައްޔާރު ކުރެވިފައިވާ ފްރުޓް ކޭކާއި ފެނުގެ ބުއިމުންނެވެ.

އިއްޔެ ވަނީ ވެށި ސާފުގެ ޕްލެޖްގައި ސޮއިކުރުމުގެ ޙަރަކާތެއްވެސް ބާއްވާފައެވެ.

އެޖަމްޢިއްޔާއިންވަނީ މި ޕްލެޖް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުއަށާއި އެންވައިރޮމެންޓް މިނިސްޓްރަށާއި ޔޫތް މިނިސްޓަރ ގެ އިތުރުން އައްޑޫސިޓީ ކައުންސިލަށް ހަދިޔާ ކުރުމަށް ނިންމަވާފައެވެ.

ޒުވާނުންގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހެވެ. ރާއްޖޭގައި މީގެކުރިން ޒުވާނުންގެ ދުވަސް އެކި ތާރީޚުތަކުގައި ފާހަގަކުރަމުން އައިސް ޒުވާނުންގެ ދުވަސް ވަކި ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ފާހަގަކުރުމަށް ނިންމީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްސާ ބަލައިގަނެ އެކަން ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށްޓަކައި މިދިޔަ އަހަރު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

މި ދުވަސް 22 އޮކްޓޯބަރުގެ ގޮތުގައި ފާހަގަކުރުމަށް ނިންމީ 18އަހަރުން މަތީގެ މީހުންނަށް، ވޯޓުލުމާއި، އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޙައްގު ލިބިދިނުމުގެ މާއްދާ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކުރި ތާރީޚަކީ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަސް ކަމަށްވާތީއެވެ.