ހިތަދޫގެ ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ވެށި ސާފު” އިން އިސްނަގައިގެން އައްޑޫސިޓީ ހިތަދޫގައި ރުށް އިންދުމުގެ ޙަރާކާތެއް ހިންގައިފިއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ޚާއްސަ މިޙަރަކާތުގައި ހިތަދޫ ކައުންސިލަރ މުޙައްމަދު ޔަސްރިފްއާއި އައްޑޫސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ތައްޔިބުގެ އާއި ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރ ޙައްވާ ޒާހިރާގެ އިތުރުން ވެށި ސާފު ޖަމްޢިއްޔާގެ ރައީސާ ފާތުމަތު ސަޢީދުއާއި ހިތަދޫގެ ގިނަ ޢަދަދެއްގެ ކަނބަލުން ބައިވެރިވިއެވެ.
ޙަރަކާތް ޝަރަފްވެރިކޮށްދެއްވީ ހިތަދޫގައި އޮތް އަންހެނުންގެކޮމިޓީއާއި ރަށް ކުރިއަރުވާ ކޮމިޓީގައިވެސް ދިގު މުއްދަކަށް ރައީސާކަން ކުރައްވަމުން ހިތަދޫގައި ހިންގުނު އިޖްތިމާޢީ ގިނަ ޙަރަކާތްތައް ރާވާހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ސ.ހިތަދޫ ޗަމްޕާޕޫލްގޭ ޢައިޝަތު ފާއިޒާއެވެ.
މިޙަރަކާތާ ގުޅޭގޮތުން ވެށި ސާފު ޖަމްޢިއްޔާގެ ރައީސާ ފާތުމަތު ސަޢީދު ވިދާޅުވީ މިއީ އެ ޖަމްޢިއްޔާއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ސާފު ކުރުމާއި ގަސް އިންދުންފަދަ ތިމާވެށި ޙިމާޔަތް ކުރުމާ ގުޅުންހުރި ކަންތައް ތަކުގެ ތެރެއިން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ހިންގާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. ރުއް އިންދާފައިވަނީ ހިތަދޫ ކަނބިހާ ބީޗްކައިރީ ލިންކްރޯޑު މެދުގައި ރުއް ހައްދާފައި ހުރި ސަރަޙައްދުގައެވެ.
ކާބޯތަކެތީގެ ދުވަހާ ދިމާކޮށް ބޭއްވި ރުއް އިންދުމުގެ މިޙަރަކާތުގައި ބައިވެރިވުމަށްފަހު އައްޑޫސިޓީ ހިތަދޫދެކުނު ދާއިރާގެ ކައުންސިލަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ މިއީ ބޭނުން ހިފޭފަދަ ރުއްގަސް އިންދައިގެން މީގެ ކުރިންވެސް ދިވެހިން އުޅުނު ފަސޭހަ ދިރިއުޅުން އުޅުމަށް ހިތްވަރުލިބޭފަދަ ހަރަކާތެއްކަމަށާއި ކޮވިޑް 19 އާއި ގުޅިގެން އިޤްތިސާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަތުމަށް ގެއާއި ގޯތިތެރެ އަދި ރަށުގެ ޢާއްމު މައިދާން ތަކުގައިވެސް ވީހާ ގިނައިން ގަސްއިންދުމަކީ މިއަދު އަދާ ކުރަންޖެހިފައިވާ ފަރުދީ ޒިއްމާ އެއް ކަމަށެވެ.
މިޙަރަކާތަށްފަހު ދުވަހާ ގުޅޭ ކޭކު ފެޅުންވެސް ކުރިއަށް ދިޔައެވެ.
ވެށި ސާފު ޖަމްޢިއްޔާއިން ބަންބުކެޔޮ ގަސް އިންދުމުގެ ޙަރަކާތެއްވެސް ވަނީ ދުވަހާ ގުޅުވައިގެން ހިންގަން ރާވާފައެވެ.ބަންބުކެޔޮ ގަސް އިންދުން ކުރިއަށްދާނީ މާދަމާ ހެނދުނު 9 އެއް ޖަހާއިރު ހިތަދޫ ނޭޗަރ ޕާކުގައެވެ.