English Edition
Dhivehi Edition

ފޭސްބުކު ހާވާލުމުން މިއަދު ފެނުނީ އެހެންޏާ ނުފެންނަ ކަހަލަ މަންޒަރެކެވެ. އައްޑޫގެ ބަޔަކު ލާމުގައި ކުނި ހޮވަން ތިއްބައެވެ. ފޮޓޯއާއި ވީޑިއޯއިން ފެނިގެން ދިޔަ މިމަންޒަރު ކިތައްމެހާވެސް ރީއްޗެވެ. އައްޑޫގެ އެކުވެރި ޓީމެއް ޗުއްޓީ ހޭދަކޮށްލުމަށް ލާމަށް ގޮސް ނަގާފައިވާ ފޮޓޯތައް ކޮންމެ ދުވަހަކު އެމީހުން ސޯޝަލް މީޑިއާގައި ޙިއްސާ ކުރަމުން ދެއެވެ. ރަށް ބަލާލާ ޚާއްސަ ތަންތަނުގެ ފޮޓޯ އެމީހުންގެ ކެމެރާގައި ރައްކާކުރަމުން ދިޔައިރު އެރަށުގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގަފާނެ ކަމަކަށް ހިއެއްނުކުރަމެވެ. އެހެންނަމަވެސް މިއަދުގެ ފޮޓޯތަކާއެކު ފެނިގެން މިދިޔައީ ތަފާތު މަންޒަރެކެވެ.

މިޓީމުން އައްޑޫސިޓީ ހިތަދޫގައި މިހާރުވެސް ކޮންމެ ދުވަހަކުހެން ސާފުކުރުމުގެ ޙަރަކާތް ހިންގަމުން އަންނަ ” ވެށިސާފު “ޖަމްޢިއްޔާގެ ހީވާގި މޫނުތަކެއް އެބަފެނެއެވެ. ސާފުކުރުމަށް ހިތްޖެހުނު ސަބަބަކަށް މިކަން ވެދާނެއެވެ. ވެށިސާފަށް އައްސެރިބަހާއި ސާބަސް ރައްދު ކުރަމެވެ.

އައްޑޫޓީމްގެ ސާފު ކުރުމުގެ މިމަސައްކަތުގެ ވީޑިއޯ ބަލާލުމުން އެހެން ކަމެއްވެސް ފާހަގަ ވިއެވެ. އާދަޔާޚިލާފަށް ޕްލާސްޓިކް ދަޅާއި ފުޅި އުކާލާފައި ހުރިކަމެވެ.

މިޓީމްގެ އެއް މެންބަރ ޢާސިމާނަޖްމީ މިކަމާގުޅޭ ގޮތުން ބުނީ އެއީ އެމީހުންވެސް ވަރަށް ޙައިރާންވި ކަމެއް ކަމަށާއި ސާފުކުރުމުގެ ޚިޔާލުއައީވެސް ކުނިބުނި ހުރި މިންވަރުގެ ގިނަކަން ފެނުމުން ކަމަށެވެ.

” އަޅުގަނޑުމެން އައިސްތިބި ގެސްޓްހައުސް ހުރި ސަރަޙައްދަކީ ގަމުގެ ސިނާޢީ ސަރަޙައްދެއް. ކޮވިޑް 19 އާއި ގުޅިގެން ފަތުރުވެރިކަން މަޑުޖައްސާލާފައިވުމުން މިހާރަކު ފަތުރުވެރިންނެއްވެސް ނޫޅޭ. އެހެންވީމަ ކަމަށްވެދާނެ ސާފުނުކޮށް މިއޮތީ”

ލާމު ގަމަކީ ރީތި ކަމަށް ނަން މަޝްހޫރު ތަނެކެވެ. ނުލާހިކު ޗާލު ބީޗެއް އޮންނަ މިހިތްގައިމު ރަށް ޚާއްސަވާއެތައް ސަބަބެއް އެބައޮތެވެ. ބިންބޮޑު މިރަށުގައި ރާއްޖޭގައި އޮތް އެންމެ ދިގުމަގު ހެދިފައި އޮތުމުގެ ސަބަބުން ޢުމްރާނީ ތަރައްޤީވެސް ވަނީ މެކުހަށް ޖަހާފައެވެ.

ލ.ގަން/ފޮޓޯ ޢާސިމާ ނަޖްމީ

މިއީ ފަތުރުވެރިންނާއި އެހެން ރަށްރަށުން ޒިޔާރަތްކުރާ މެހެމާނުންވެސް ނުހަނު ގަޔާވާ ސަރަޙައްދަކަށްވެފައި ތަނުގެ ރީތިކަން ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުކަމުގައިވާ އައްޑޫސިޓީ ، ފުވައްމުލައްސިޓީ ގއ،އަދި ގދ ގެ މީހުންނަށް މިދުވަސްކޮޅު ވެފައިވަނީ ލިބިފައިވާ ދަތުރުފަތުރުގެ ފަސޭހަކަމާއެކު އެރަށްތަކަށް ޒިޔާރަތްކުރުމުގެ ޚާއްސަ މޫސުމަކަށެވެ. މި4 އަތޮޅާއި ޖެހިގެން ލާމު އޮތަސް ދެކުނުގެ މީހުންނާއި ލާމު އާއި މާބޮޑު ގާތްކަމެއް އުފެދިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރަކަށްއައިސް ލ. ގައި ފަތުރުވެރިކަން ތަޢާރަފްކުރުމަށް ދެކުނުގެ ވިޔަފާރިވެރިން ގެ ޝައުޤުވެރިކަން ފާޅުކުރުމާއި ލ. މީހުން ތަޢުލީމާއި ބޭސްފަރުވާއަށް އައްޑޫއަށް އައުމުގެ އިތުރަށް ދަނޑުވެރިކަންފަދަ އެހެން ވިޔަފާރިތައްވެސް ދެކުނުގެ އަތޮޅުތަކާއެކު ކުރާ މަންޒަރު ފެންނަމުންދެއެވެ.

ލ.ގަމުގެ ބީޗް/ފޮޓޯ އާސިމާ ނަޖްމީ

ސިޔާސީގޮތުންވެސް ލ.އަކީ ދެކުނުކަމަށް ކަނޑައަޅާފައިވުމުން މިރީތި ހިތްގައިމު ބޮޑު އަތޮޅުގައި ދެކުނުގެ އެހެން އަތޮޅުތަކުގައި އޮތްފަދަ ގުޅުމެއް އުފެދިގެން ދިއުމަކީ ދެކުނަށް ލިބޭނެ އިތުރު ކުރިއެރުމަކަށްވާނެއެވެ.

އައްޑޫގެ ޓީމް މާދަމާ ރަށަށް ފުރާއިރު އެއަންނަނީ މުޅި ރާއްޖެއަށްވެސް ރީތި ސާފު ވެއްޓަކަށް އެދޭކަމުގެ މެސެޖެއް ދޫކޮށްފައެވެ. ސާފުކުރުމަކީ ފަރްދީ ޒިއްމާއަކަށް ހަދަމާތޯއެވެ.