English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަށް ނިންމަވައިފި އެވެ. އެކަން ހާމަކުރައްވައި ހެލްތު މިނިސްޓަރ، އަޙްމަދު ނަސީމް ސޮއިކުރައްވާފައިވާ ޤަރާރެއް މިއަދު ވަނީ ނެރުއްވައިފަ އެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މާރިޗު 12 ވަނަ ދުވަހު އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާޓެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މާރިޗު 12 އިން ފެށިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، 2021 މާރިޗު 5 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށްވެސް އެޤަރާރުގައި ވެއެވެ.

އެންމެ ފަހުން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމޭނީ މިއަދުގެ ނިޔަލަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 3،471 ސާމްޕަލް ނަގާފައިވެއެވެ. އަދި މިހާތަނަށް 16،155 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 14،263 މީހެކެވެ. މީގެ އިތުރުން މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ 1،833 ބަލިމީހަކު ތިބިއިރު، ހޮސްޕިޓަލްތަކުގައި 186 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.