English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު 07:00 އިން 13:00 އަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ،

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރޭ 08:00 އިންް މިރޭ 08:00 އަށް މެދުރާއްޖޭތެރެއާއި ދެކުނުގެ އެކި އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މީގެ އިތުރުން އިރުއުތުރާއި އިރުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވެއެވެ.

މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.