English Edition
Dhivehi Edition
02 ފެބުރުވަރީ 2021: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި، އެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި މިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން މިއަދު ވަރޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޓީ.އޭ.ސީ. އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މި މުޢާޙަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ޤައުމުތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަޤުޞަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި، މުޢާހަދާގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުޢާހަދާގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ޓީ.އޭ.ސީ މުޢާޙަދާގައި ބައިވެރިވުމުން، އާސިއާންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރ ކަރުދާސް ހުށަހަޅައިދެއްވަމުން ވަނީ ފާހަގަކުރައްވާފައެވެ.