ސަރުކާރުގެ ކެބިނެޓަށް މިއަދު ގެނައި ކުއްލި ބަދަލެއްގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މަގާމުން ވަކިކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޚަލީލް ވަނީ މަގާމުން ވަކިކުރެއްވިކަން މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާކުރެއްވުމަށްފަހު މިއަދު މެންދުރުގެ ވަގުތެއްގައި މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ. އޭނާ ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ބަދަލުތައް އައިސްފައި މިވަނީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ބޭރުގެ ބައެއް ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، ރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު ދަށްވުމަކީ ހާރިޖީ ދާއިރާ “ފެއިލް” ވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
މީގެ އިތުރުން، ޑރ. އާއިޝަތު ޝިހާމް ވެސް މަގާމުން ވަކިކުރައްވާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.