English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުގެ އިފްތިތާހީ ބައްދަލުވުން ބާއްވައިފިއެވެ.

މިއަދު ހެނދުނު ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ގަވާނިން ބޯޑަށް އައްޔަންކުރެވުނު މެމްބަރުންނާއި، އައްޑޫ ސިޓީ ކައުންސިލް މޭޔަރުގެ އިތުރުން ސިޓީ ކައުންސިލުގެ މެމްބަރުންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ސޯދިޤު(ސޯބެ) ވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފައެވެ.

މިދިޔަ ޖަނަވަރީ މަހު އެކުލަވާލި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ސާލިހެވެ. ބޯޑު ޗެއާޕާސަންގެ މަގާމަށް އަހުމަދު ޒާހިރު އައްޔަންކޮށްފައިވާއިރު ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއްގެ ގޮތުން ޑރ. އަލީ ނާޒިމް ބޯޑްގައި ހިމެނިވަޑައިގަންނަވައެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އާމިނަތު ޝާއިނާ އަބްދުﷲ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ ފަރާތުން އާމިނަތު މުހައްމަދުދީދީ ބޯޑުގައި ހިމެނިވަޑައިގަންނަވާއިރު އާންމުންގެ ތެރެއިން އައްޔަނުކުރެވޭ މެމްބަރެއްގެ ގޮތުގައި ޒާހިދާ އިބްރާހިމް ވަނީ ބޯޑަށް އައްޔަނު ކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ބޯޑަށް އައްޔަންކޮށްފައިވަނީ އަބްދުﷲ ސޯދިޤު އެވެ.