އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް) ގެ އިހުމާލުން ޒުވާނަކު ނިޔާވި މައްސަލަ ފެންމަތިވެއްޖެއެވެ.
މި މަހުގެ 17 ވަނަ ދުވަހު އޮކްސިޖަން ލެވެލް ދަށްވެގެން ހޮސްޕިޓަށް ގެންދިޔަ ޒުވާނަކަށް ފަރުވާދިނުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ނިޔާވި ޒުވާނާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ.
މި ގޮތުން އެ ޒުވާނާގެ ދައްތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ކޮއްކޮ ހޮސްޕިޓަލަށް ގެންދިޔައީ މޭމައްޗާ އަދި ފުއްޕާމޭގައި އިންފެކްޝަން ހެދުމާ ގުޅިގެން ނޭވާލާން އުދަގޫވާތީކަމަށެވެ.. އެންމެ ފުރަތަމަ އޭނާ މަރަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އޮކްސިޖަން ނުހިފެހެއްޓުމުގެ ސަބަބުން ވަނީ އޭއީއެޗް އަށް ޓްރާންސްފާކޮށްފައެވެ.
އޭއީއެޗް އަށް ގެންދިއުމުން އެތަނުން ނެގި އެކްސްރޭ އިން އޭނާގެ ފުއްޕާމޭގެ އެއްފަޅީގައި އިންފެކްޝަން ހެދި ހަލާކުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ވަގުތުން އެ ޒުވާނާ އަށް އައިސީޔޫގައި ފަރުވާ ދިނުމަށް ވަނީ ލަފަދީފައެވެ. އެ ޒުވާނާ އިމެޖެންސީ ރޫމުން އައިސީޔޫ އާއި ހަމައަށް ގެންދިއުމަށް އޮކްސިޖަން ގުޅާފައި ނުވާއިރު އެ ވަގުތުވެސް ނޭވާ ނުލެވިގެން ތެޅެމުން ދިޔަކަމަށެވެ. އަދި ޕޯޓަބަލް އޮކްސިޖަން މެޝިނާ ނުލާ އައިސީޔޫ އަށް ބަދަލުކުރެވުނު އިރުވެސް އޭނާގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އިތުރަށް އާއިލާއިން ބުނީ މި މައްސަލައިގައި ހޮސްޕިޓަލުން ހަމައެކަނި ދޮގު ބަޔާނެއް ނެރެލުމުން ނުފުދޭ ކަމަށެވެ. އަދިވެސް އެ ޒުވާނާގެ ފަރުވާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ވިނަވި ޕޯޓަލް އަށް އަޕްޑޭޓްކޮށްފައި ނުވާއިރު މިއީ ހޮސްޕިޓަލުގެ އިހުމާލު ފޯރުވުމަށް ކޮށްފައިވާކަމެއް ކަމަށް އައިލާ އިން ވަނީ ތުހުމަތުކޮށްފައެވެ.
ސޯޝަލް މީޑީއާގައި މިކަމުގައި އޭއީއެޗްގެ އިހުމާލެއް ވާކަމަށް ބުނެ އަޑުއުފުލަން ފެށުމުން އެ ހޮސްޕިޓަލުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ ހޮސްޕިޓަލުން އޮކްސިޖަން ހުސްވުމާ ގުޅިގެން ބަލިމީހަކު ނިޔާވިކަމަށް ސޯޝަލް މީޑީއާގައި ފަތުރާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއްކަމަށެވެ. އަދި އެ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެފައި ނުވާކަމަށާ، އޮކްސިިޖަން ހުސްވުމުގެ ސަބަބުން ބަލި މީހަކު ނިޔާވެފައި ނުވާކަމަށެވެ. . ސެންޓްރަލް އޮކްސިޖަން ސިސްޓަމްގެ އިތުރުން ބެކަޕް އޮކްސިޖަން ބޭންކެއްވެސް ހޮސްޕިޓަލުގައި ހުރިކަން ފާހަގަކޮށް އޭއީއެޗް އިން ބުނީ އޮކްސިޖަން ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
ހޮސްޕިޓަލަކީ އޮކްސިޖަން ޕްލާންޓެއް ގާ އިމްވެ ކޮންމެ އެނދަކަށް ސީދާ އޮކްސިޖަން ގުޅޭ ގޮތަށް ޤާއިމް ވެފައިވާ ހޮސްޕިޓަލެއް ކަމަށެވެ. އޭއީއެޗްއިން ބުނީ ޕްލާންޓަށް މައްސަލައެއް ދިމާނުވާ ކަމަށާއި އަދި އެއްވެސް ބަލިމީހަކަށް އޮކްސިޖަން ލިބުމުގައި ދަތިތަކެއް ކުރިމަތި ނުވާ ކަމަށެވެ،