English Edition
Dhivehi Edition
މާރާމާރީގައި އަނިޔާވި އެކަކު ހޮސްޕިޓަލަށް ގެންދަނީ

މާލޭގައި ރޭ ހިނގި މާރަމާރީތަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފިއެވެ

ރޭ މާލެގެ ހަތަރު ސަރަހައްދެއްގައި ހިންގި މާރާމާރީތަކާއި ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާއިރު އެ މާރަމާރީތަކުގައި ގިނަ ބަޔަކަށް އަނިޔާވެ އައިޖީއެމްއެޗާއި އޭޑީކޭގައި އަންނަނީ އެ މީހުންނަށް ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިންގީ މިރޭ 19:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ފުޓްބޯޅަ ދަނޑު ކައިރީގައި ކަމަށެވެ. މި ދަނޑުގައި މި ދުވަސްވަރު ފުޓްސަލް މުބާރާތެއް ކުރިއަށްދާއިރު ވަނަ މާރާމާރީ ހިންގާފައިވަނީ މިރޭ 21:15 ހާއިރު އަސަރީ ހިނގުމުގައެވެ. މި މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާއަށްވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ.

ރޭގެ ތިންވަނަ މާރާމާރީ ހިންގާފައިވަނީ 11:30 ހާއިރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައެވެ. ދެ ގްރޫޕެއްގެ ދެމެދު ހިނގި މި މާރަމާރީގައި ތިން މީހަކަށް އަނިޔާވެ ދެ މީހަކަށް އައިޖީއެމްއެޗްގައި އަދި އެކަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި މާރަމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ރޭ 1:32 ގައި ގ. މުތީ ގޯޅީގައި މީހަކަށް އަނިޔާވެ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުޤީގުގައި އޭނާއަށް އަނިޔާވެފައި ވަނީ ބަޔަކު މީހުން މާރަމާރީ ހިންގައިގެން ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ، އަދި އެ މީހާގެ ބޯފަޅައިގެން ދިޔުމުގެ ސަބަބުން އޭނާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދިފައިވާއިރު އެ މައްސަލާގައި މާރަމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލުތަކެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީތަކާ ގުޅިގެން ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އެމީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.