ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
“ކޯވިޑް-19 ދިފާޢު” ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގެ ގޮތުން ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް މިއަދާ ހަމައަށް އާދެވުނީ، ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ، ރައްޔަތުން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ. މިއީ، ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދީފައިވާ ވެކްސިނެކެވެ.