English Edition
Dhivehi Edition

ހެޔޮހާލުގައި ތިމާ ވުމަށް ހިތްއެދޭ ފަދައިން ލޯ ކުރިމަތިން ތިމާގެ އަވަށްޓެރިއާ ޙާލުގައި އުޅޭނަމަ އެކަންވެސް ވަނީ ހިތްދަތި ކަމަކަށެވެ. ފުވައްމުލަކު ފުނާޑު އުމުރުން 55 އަހަރުގެ ޞަފިއްޔާ މުޙައްމަދު މިއަދު އެވަނީ އެންމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާގައި ތާށިވެ، އަދާކުރަމުން ދިޔަ ވަޒީފާތައް ގެއްލި، ލިބެމުން ދިޔަ އާމްދަނީ ހުއްޓި ބޭސްފަރުވާ ކުރުން ވެސް ނުހަނު ދަތިވި 2020 ވަނަ އަހަރުގެ މެދަކާ ހިސާބުން އެއާއިލާއަށް ވެސް ދިމާވި ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު ޞަފިއްޔާގެ ބޮލުގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ވަނީ ކޮށްފައެވެ. މި އޮޕަރޭޝަނަށް 3 މަސްވެސް ނުވަނީސް މީހާ ދުޅަވެ، ކަރުގައި ރިއްސާ މުޅިގައި އައްސިވެ ގޮތް ނޭނގޭ އެތައް ކަމެއް ކުރިމަތިވަމުން ދިޔައިރު ،ޑޮކްޓަރުން ދިން އެއްވެސް ފަރުވާއަކުން ޞަފިއްޔާގެ ބައްޔަށް ޝިފާއެއް ވަނީ ނުލިބިފައެވެ.

ފޭޝަލްޕެއިން ސިންޑްރޯމެއް ކަމަށް ލަފާކޮށް ފަރުވާދެމުން ދަނިކޮށް ދުވަހަކަށް ވުރެ ދުވަހެއް ޞަފިއްޔާގެ ބަލިހާލަތު ގޯސްވެ، ރިހުން ގަދަވެ އަނބުރައިގަނެގެން ވެއްޓުން ފަދަ އެތައް ކަމެއް ކުރިމަތިވުމުން އާއިލާއިން ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ބަދަލުކޮށްފައެވެ. އެގޮތުން އިންޑިއާއަށް ގޮސް ކުރި ތަހުލީލު ތަކުން ސަފިއްޔާގެ ބޮލުގައި މަލްޓިޕަލް ޓިއުމަރ އެބަހުރި ކަމަށާއި ވީހާ އަވަހަކަށް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ޞަފިއްޔާގެ އާއިލާއިން ބުނީ ކޮޗިންގެ އެސްޓާ މެޑިކަލް ކެއާއިން ހެދޭ މި އޮޕަރޭޝަނަށް އާސަންދަ ހަމަޖެހުނު ނަމަވެސް މިއީ އާސަންދައިން ދޫކުރެވޭ އަދަދަށް ވުރެވެސް އަގުބޮޑު އޮޕަޜޭޝަނެއް ކަމަށެވެ . އަދި ޙާލު ބޮޑުވެ މިހާރުވެސް އެނދުމަތި ކުރެވިފައިވާ ޞަފިއްޔާގެ ކަންކަން ބެލެހެއްޓުމަށް އާއިލާއިން ގައުމުން ބޭރުގައި ކުރަމުންދާ ޚަރަދު ފޫނުބެއްދި، މުޅި އާއިލާ ދަރަނިވެރިވެފައިވާ ކަމަށް އާއިލާއިން ކިޔައިދިނެވެ.

ކޮވިޑްގެ ދަތި މި ހާލަތުގައި އާއިލާއިން ބޭނުންވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމުގެ އަތެވެ. އެހެންކަމުން ފުނާޑުގައި ދިރިއުޅޭ ޞަފިއްޔާގެ އަވައްޓެރި ކުދިންތަކެއްގެ އިސް ނެގުމާއެކު ސަފިއްޔާގެ ބޭސްފަރުވާއަށް ފައިސާ ހޯދުމަށް މިއަދު ފުވައްމުލަކުގައި ޚާއްޞަ ހަރަކާތެއް ވަނީ ހިންގުމަށް ރާވާފައެވެ.

މިއަދު ހަވީރު މާނޭރެ އަތިރީގައި ޑޯނަޓް ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް މި ހަރަކާތުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ހަވީރުގެ އިވެންޓަށް ނުދެވޭ ބޭފުޅުންނަށް ޑޯނަޓް އޯޑަރ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން މެންދުރު 2:00 ޖަހަންދެން އޯޑަރު ބަލައިގަނެވޭނެ ކަމަށާއި އޯޑަރު ދެއްވަން ބޭނުން ފަރާތްތަކުން 9682090 މި ނަމްބަރަށް ގުޅުމުން އެގެއަކަށް ޑޯނަޓު ޑެލިވަރީކޮށް ދިނުމަށް ފުނާޑުގެ ހީވާގި ޒުވާނުން ތިބީ ތައްޔާރަށެވެ. މިއީ އެއްވެސް ސަބަބަކާ ހުރެ ހަވީރު އޮންނަ ޑޯނަޓު އިވެންޓުގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ވެސް ޞަފިއްޔާގެ ބައްޔަށް އެހީއެއް ފޯރުކޮށްދިނުމަށް ގޭގައި ތިބެގެން ވެސް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.

“ކުއީން ކޭކްސް” ގެ ޚާއްޞަ ރެސިޕީއަކަށް ހަދާ މި ޑޯނަޓަކީ އަނގަޔަށް މީރު، ޗޮކްލެޓް ފްލޭކްސް ޑޯނެޓެވެ. ޑޯނަޓެއް ވިއްކާ އަގަކީ އެންމެ 12 ރުފިޔާއެވެ.

ފުނާޑުގެ ޒުވާނުން ބުނީ މި ހަރަކާތަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށާއި ފުވައްމުލަކު ފުނާޑުގެ ވިޔަފާރިވެރިން ސްޕޮންސަރގެ ގޮތުގައި ވެދެއްވެދި އެހީތެރކަންވެސް ފާހަގަ ކުރާ ކަމަށެވެ.

މި އިވެންޓް ކުރިއަށް ދާއިރު ފަންޑު ފޮށިވެސް ބަހައްޓާފައި ހުރުމާއެކު މި ހަރަކާތުގައި ފުވައްމުލަކުގެ ހުރިހާ ބޭފުޅުން ބައިވެރިވެ ދެއްވުމަކީ އަވަސް ފަރުވާ އަށް އެދިއެދި ހުރި ޞަފިއްޔާގެ ވޭނީ އުދާހަށް ލުޔެއް ހޯދައި ދިނުމަށް ވެވޭ ގުރުބާނީއަކަށް ވާނެއެވެ.

1 ކޮމެންޓް
Kohko
ޖެނުއަރީ 31, 2021
E family ge account numberves jahaalinama hbaaruga