English Edition
Dhivehi Edition
08 އޮކްޓޫބަރު 2020: ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުން - ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ހުޅުދޫގެ އިތުރުން ވިލިމާލެއާއި، އދ. މަހިބަދޫގެ އިތުރުން ނ. މާފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ގޮތުން މާފަރުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މާފަރު ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ކަރުދާސްކޮޅާއި ދެ ސެލޯިންކޮޅު ފެނިފައިވެއެވެ.

މީގެ އިތުރުން މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މަހިބަދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު އެރަށު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ވިލިމާލޭގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނަކީ ވިލިމާލެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ވިލިމާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ބަލައި ފާސްކުރުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 57 ރަބަރު ޕެކެޓު އެ ގެއިން ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ