English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ހިދުމަތްދީ، ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދިޔަ “މައިލޯސިޓީ” ގެ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ހާއްސަ އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

ކޯޓުން މި އަމުރު ނެރުނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމާއި، މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ. އެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރައި، ރަށުގެ ރައްޔިތުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ގޭގެ ސަބަބުން އެ ސަރަހައްދުގައި ކުށްކުރުން އިތުރުވެ، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ވައްކަން ކުރުމުގެ އިތުރުން މީހުން ރަހީނުކުރުން ފަދަ ނުރައްކާތެރި ޖިނާއީ ކުށްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، ފުލުހުން ވަނީ އެ ގެ ބަންދުކޮށް އެތަނުގައި ހިންގަމުންދިޔަ ބޭނުންތައް ހުއްޓުވާފައެވެ. މި ފިޔަވަޅާއެކު އެ ސަރަހައްދުގެ އަމާންކަން ގާއިމްކުރުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.