English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން އެންމެ ގިނައިން އިވޭ އެއް އަޑަކީ ކަރަންޓީނުގެ ވާހަކައެވެ. ކޮވިޑް ފެތުރިފައިވާ ސަރަހައްދަކަށް ގޮސް އެނބުރި އަތުވެއްޖެނަމަ ވާން ޖެހޭ ކަރަންޓީނުގެ ވާހަކައެވެ. މީގެ ކުރިން 14 ދުވަހުގެ ކަރަންޓީނެއް އޮތް އިރު މިހާރު އެ މުއްދަތު ކުޑަކޮށް ލުއިމެއެވެ. އެހެނަސް އަމިއްލަ ގޭގައި ނުވަތަ މީހުންގެ އަޑުއިވޭ ހިސާބު ގަނޑެއްގައި ކަރަންޓީނު ވެގެން ތިބެން ޖެހުމުން އަހަރެމެން ކަންބޮޑުވާ ވަރާއި އަދި ނަތީޖާ ލިބިގެން ބޭރަށް ނިކުމެވޭ ދުވަހަށް ކުރާ އިންތިޒާރު އެނގޭނީ އެކަން ތަޖުރިބާ ކުރި މީހުންނަށެވެ.

މާބޮޑު ހޭލުންތެރިކަމެއް ނެތް ނަމަވެސް ކާބަފައިންގެ ދުވަސްވަރު ވެސް ވަނީ ބަލިތަކުން ރައްކާތެރިވުމަށް މިފަދަ ފިޔަވަޅުތައް އަޅާފައެވެ. އެކަމުގެ ހެކި އެންމެ ބޮޑަށް ފެންނާން އޮތީ ފުވައްމުލަކުގެ ތާރީޚާއި ގުޅިފައިވާ ޙައްވާދީދީ އާއި ކަޅުއަކިރިގަނޑުގެ ވާހަކައިންނެވެ. ހައްވާދީދީ އަށް ޖެހުނު ޖުޒާމު ބަލީގެ ނަތީޖާއެއްގެ ގޮތުން އޭނާ އެކަހެރިކޮށް ކަރަންޓީނު ކުރީއެވެ. ބުނެވޭ ކަމަށް ވަނީ ކަރަންޓީނުގައި އެއްއަހަރު ދުވަސްވަންދެން އޭނާ އެކަނި މާއެކަނި އެތަނުގައި އިން ކަމެވެ.

މިހާރުވެސް ބޮޑު ޖަންގައްޔެއް ހެން އޮތް އަދި ހުއްދަ ނަގައިގެން ނޫނީ ގޮސް ނޫޅެވޭ، ފުވައްމުލަކު އެއާޕޯޓު ބިއްދޮށުގައި އޮތް ކަޅުއަކިރި ގަނޑަކީ މީގެ ކުރިން ބޮޑު ސިންގާ ޖައްގައްޔެކެވެ. ގަސްތައް ބިޔަ އެ ސަރަހައްދަކީ ދަރުހޮވަންދާ މީހުންވެސް އާންމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ. ޙައްވާދީދީގެ ޑޮކިއުމެންޓްރީ ވީޑިއޯ އެއް ހެދުމަށް އޭއޯ ނިއުސްގެ ޓީމުން އެތަނަށް ދިޔަ ދުވަހު އެތަން ފެނިފައި ހިތަށް އެރީ އެތަނުގައި އިންސާނަކަށް އެންމެ ދުވަހަކަށް ވެސް އެކަނި ކެތް ކުރުމަކީ އުނދަގޫ ކަމެއް ކަމެވެ. ވީއިރު އެތަނުގައި އެއް އަހަރު ދުވަހަށް އެކަނި މާއެކަނި ހައްވާދީދީ ހޭދަކުރީ ކިހިނެއްކަމެވެ. ހޫނުގަދަ ވަގުތު އެތަނުގައި ހުރި ގާތަކުގެ ހޫނުކަން އިހްސާސް ކުރެވުނެވެ. އަދި އިރު އޮއްސެން ފެށުމުން އެތަނަށް ވެރިވާން ފެށި ފިނިކަން ވެސް ކުޑަކޮށް ވިޔަސް އިޙްސާސް ކުރެވުނެވެ. ހިތަށް އެރިއެވެ. ވިއްސާރަ ރޭތައް އޭނަ މިތަނުގައި ހޭދަ ކުރީ ކިހިނެއް ހެއްޔެވެ؟

ކަޅުއަކިރި ގަނޑުގައި ހައްވާދީދީ ދިރިއުޅުނުގޮތް ދައްކައިދިނުމަށް އޭއޯ ނިއުސް ޓީމުން ކުރި މަސައްކަތްކަތުގެ ތެރެއިން

ކުޑައިރު ކިޔަވަން ގެންގުޅުނު ކޯރީޑާ ފޮތެއްގައި ހައްވާދީދީގެ ވާހަކަ އޮންނަކަން ހަނދާން ހުރެއެވެ. އަދި އޭގެ ފަހުން ވެސް ތަފާތު އެކި ލިޔުންތަކުން ތަފާތު އެކި ގޮތްގޮތަށް އެވާހަކަ ލިޔެފައި ހުންނަތަން ފެނިފައިވެއެވެ. އެއް ލިޔުމެއްގައި ވަނީ ހައްވާދީދީ ނިޔާވީ އެތަނުގައި ކަރަންޓީނުގައި ހުއްޓާކަމެވެ. އަދި ޖުޒާމު ބަލީގެ ނުރައްކާ ބޮޑުވެ ހާލު ދެރަވެ ގުނަވަންތައް ހަލާކުވެ ލައިގެން އިން ލިބާހުން އެ ފާރުތަކާއި ޒަޚަމް ތަކުގައި އަޅައި އެ ލިބާސް ހުސްވެ މީހާ ނިޔާވި އިރު އޮތީ މޫދު ކައިރީގައި ބަރަހަނާ ހާލުގައި ކަމަށެވެ. އަދި މީގެ އެއްވެސް ލިޔުމެއްގައި ލިޔުމާއި ގުޅުން ހުރި ފަރާތެއްގެ ހަވާލާ ދިނުމެއް ނެތުމުން ލިޔުމުގެ ސައްހަ ކަމާ މެދު ޚިޔާލު އުފެދި އެ މައުލޫމާތު ހޯދުމަށް ބޭނުންވިއެވެ. ހިތަށް އެރިއެވެ. ރާއްޖޭގެ ތާރީޚާއި ގުޅޭ މިފަދަ ވާހަކަ އެއް އަސްލެއްނެތް ގޮތަކަށް ފަހުގެ ޖީލުތަކާއި ހަމައަށް ގެންގޮސް ދިނުމަކީ ލިޔުންތެރިންނަށް ވެސް ހުރި ހުތުރެއް ކަމެވެ. އަދި ވަކިން ޚާއްޞަކޮށް ފުވައްމުލަކުގެ ތާރީޚުގެ މުހިއްމު ވާހަކަތަކެއް މީގައި ހިމެނޭ އިރު ރަށު ފެންވަރުގައި ވެސް މިފަދަ މަސައްކަތެއް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮތީ ކީއްވެގެން ކަމާމެދު ސުވާލު އުފެދުނެވެ. އެހެންކަމުން ނިންމީ ވާހަކައިގެ ހަގީގަތާ ހަަމައަށް ގޮސް ތާރީޚަށްޓަކައި މި ވާހަކައިގައި ފޮރުވިފައި ހުރި އަސްލު ހާމަކުރުމަށެވެ.

އެގޮތުން އޭއޯ ޓީމުން ކުރި މަސައްކަތުން ރައްޓެއްސެއްގެ އެހީތެރިކަމާއެކު، ވާހަކަ އާއި އެންމެ ގުޅުން ހުރި އެއްފަރާތް ކަމަށްވާ ހައްވާދީދީގެ އެކުވެރިޔާ ސަންފާދީދީގެ އެޑްރެސް ހޯދައި އެގެއަށް ގޮސް މައުލޫމާތު އެއްކުރީމެވެ. އެއީ ވަރަށް މުހިއްމު ބޭނުންތެރި މައުލޫމާތު ތަކަކަށް ވިއެވެ. އޭގެ އިތުރަށް ގުރައިދޫ ގައި ދިރިއުޅެމުންދާ ހައްވާދީދީގެ ދޮށީ ދަރިފުޅު މުޙައްމަދު މޫސާގެ ނަމްބަރު ހޯދައި މަންމަގެ ހަޔާތުން އޭނަ ހަނދާން ހުރި ވަރެއް އޮޅުން ފިލުވީމެވެ. އެންމެ ދެރަވީ އެދުވަސްކޮޅު ހައްވާދީދީގެ ފުރަތަމަ ފިރިމީހާ މޫސާ އަޙްމަދު ( ދިގުވާނޑު އިރަމާގޭ މޫސާ ކަލޯ) ނިޔާވި ޚަބަރަށެވެ. އޭރު ތައްޔާރުވަމުން ދިޔައީ އޭނަގެ ކުޑަނަމަވެސް ވާހަކަކޮޅެއް ލިބޭތޯ ބެލުމަށެވެ. އެހެނަސް އެކަމުގައި ކާމިޔާބުވާ ގޮތެއް ނުވީއެވެ. ލިބުނީ ހަމައެކަނި އެންމެ ފަހުގެ ފޮޓޯއެކެވެ.

ހައްވާދީދީގެ ފުރަތަމަ ފިރިމީހާ މޫސާ ކަލޯ

ހައްވާދީދީގެ އެންމެ ފޮޓޯއެއް ނަމަވެސް ލިބޭތޯ ލައްކަ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެ ދުވަސްވަރަކީ ފޮޓޯ ނެގުންފަދަ ކަންކަން އާންމު ވެފައިވާ ދުވަސްވަރަށް ނުވުމާއެކު އެއްވެސް ކަހަލަ ފޮޓޯއެއް ލިބޭ ގޮތެއް ނުވިއެވެ. ހައްވާދީދީ ނިޔާވެފައިވަނީ މީގެ 30 އަހަރު ކުރިން ކަމަށް ވުމުން އޭނަގެ އައިޑީ ކާޑެއްވެސް ހައްދާފައި ނެތީއެވެ. އިވުނީ އޭނަގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އެކަމާއި ގުޅުން ހުރި ފަރާތްތައް އެމީހުންގެ އަމިއްލަ ދުލުން ކިޔައިދިން އަޑެވެ.

މި މައުލޫމާތުތައް އެއްކުރި އިރު އިންޓަވިއު ދިން ފަރާތްތަކުން ބުނީ އަދި އެއްވެސް ފަރާތަކުން ދުވަހަކު ވެސް މި ކަމާއި ގުޅުން ހުރި މައުލޫމާތެއް އެމީހުން ކުރެން އަހާފައި ނުވާ ކަމަށާއި މިއީ ފުވައްމުލަކުގެ ތާރީޚަށްޓަކައި ވެސް ވަރަށް މުހިއްމު ވާހަކަތަކެއް ކަމަށެވެ.

ހައްވާދީދީގެ އެންމެ ގާތް ރަޙްމަތްތެރިޔާ ސަންފާދީދީ- އޭއޯ ނިއުސް އަށް މައުލޫމާތު ދެނީ

ވަކިން އިތުރަށް ހައިރާންވީ މި މައުލޫމާތު އެއްކުރި އިރު ލިބުނު އައު މައުލޫމާތުތަކުގެ ތެރޭގައި އޭރު ޖުޒާމު ބަލި ޖެހޭ މީހުން ޓެސްޓު ކުރާގޮތާއި އޭރުވެސް ބަލިން ސަލާމަތް ވުމަށް ހަރުދަނާ އުސޫލުތައް ގެންގުޅޭކަން އެނގުމުންނެވެ. އަދި ކަރަންޓީނުގެ އުސޫލުތަކާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ޒިޔާރަތް ކުރުމުގައި ކަންތައްތައް ކުރާ އުސޫލު ހަމަ މިހާރާއި އެއްގޮތް ކަން ވެސް އެނގުމުންނެވެ.

ތިރީގައި މިވަނީ ހައްވާ ދީދީ ކަޅުއަކިރިގަނޑުގައި ހަޔާތް ހޭދަ ކުރި ގޮތާއި ބެހޭ ގޮތުން އޭއޯ ޓީމުން ތައްޔާރު ކުރި ވީޑިއޯ ރިޕޯޓެވެ. މިއީ މި ވާހަކައާއި ބެހޭ ގޮތުން އެންމެ ފުރަތަމަ އެކުލަވާލި ސައްޙަ މައުލޫމާތު ހިމެނޭ ވީޑިއޯ އެވެ.

3 ކޮމެންޓް
ފުވައްމުލަކު ރައްޔިތެއް
ޖެނުއަރީ 28, 2021
މި ވަަހަކައިގެ ހަގީގަތް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އޭއޯޓީމަށް
Yaa
ޖެނުއަރީ 27, 2021
ahmed ah thihury maa bodah engifa...olhali kula ei ves dhivehin kiya ulhey ehcheh
Ahmed
ޖެނުއަރީ 27, 2021
Olhali kulaeh noon madu kashimathi kila. Dhiveheen kiyaa noolhey Olhali kulaekey.