English Edition
Dhivehi Edition
ނިލަންދޫ ސިއްހީ މަރުކަޒު

ގއ. ނިލަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ ގާއިމް ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި ގއ. ނިލަންދޫ ކައުންސިލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގއ. ނިލަންދޫ ކައުންސިލް ރައީސް ނާސިހް އިބްރާހިމް “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ލެބޯޓަރީ އެއް ނެތުން މީ ނިލަންދޫ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެހެންކަމުން، މިއީ ނިލަންދޫ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ނިލެންދޫ ތަރައްގީ އަށް އެޅިގެންދާނެ ވަރަށް ބޮޑު ބިންގަލެއް ކަމަށް ނާސިހް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެމުން ނާސިހް ވިދާޅުވީ، ލެބޯޓަރީ އެއް ނެތުމުގެ ސަބަބުން އުމުރުން ދުވަސްވި މީހުންނާއި އަދި ބަލި މީހުންވެސް ޓެސްޓެއް ހަދާ ކަމަށްވާނަމަ އެ ޙިދުމަތް ހޯދުމަށް ދާންޖެހެނީ ވިލިނގިއްޔަށް ކަމަށާއި އަދި ލެބޯޓަރީ ނެތުމުގެ ސަބަބުން އެންމެ އެދެވިގެންވާ ގޮތަކަށް ސިއްޙީ މަރުކަޒުން ޚިދުމަތް ނުދެވޭ ކަމަށެވެ. އެހެންކަމުން، މީ ދިގު އިންތިޒާރެއްގެ ނިމުން ކަމުގައި ނާސިހް ސިފަކުރެއްވިއެވެ.

އަތޮޅު ތެރޭގެ 16 ރަށެއްގައި ސިއްޙި ނިޒާމު ހަރުދަނާ ކުރުމަށް 45 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ޙަވާލު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތު އިން ފަށާފައިވާއިރު، ގއ. ވިލިނގިލީގެ އަތޮޅު ހޮސްޕިޓަލްވެސް އެ ރަށު އެހެން ބިމެއްގައި ޒަމާނީ ފެންވަރަށް އިމާރާތް ކުރަންވެސް ވަނީ ނިންމައިފައިވެއެވެ.