English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މީގެ 4 އަހަރުކުރިން ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވައި، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ސަރުކާރުން ޤާއިމްކޮށްދިނުމަށްޓަކައި ކަމަށެވެ. ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މިންވަރަށް އަސާސީ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބޭކަމަށެވެ. އަދި އެއީ ކަރަންޓުގެ ޚިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ޚިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީގެ ކުރިން ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައިކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް އައު ކަރަންޓު އުފައްދާ ޖެނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް ޢިމާރާތް ޤާއިމްކުރެވިއްޖެ ކަމުގައި ރައީސް ވިދާޅުވިއެވެ.