ކޫއްޑޫ އެއާޕޯޓް މުވައްޒަފުން އެ މުވައްޒަފުންގެ ގެއްލިފައިވާ ހައްޤު ހޯދަން މެނޭޖްމަންޓާއި އެކު ކުރި މަޝްވަރާތަކުން ކުރި އެރުމެއް ނުލިބި އެންމެފަހުން ގއ. އަތޮޅު ކައުންސިލާއި ބައްދަލު ކޮށްފިއެވެ.
ގއ. އަތޮޅު ކައުންސިލުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޫއްޑޫ އެއަރޕޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާ އިއާދަ ނުވުމާއި މުވައްޒަފުންނަށް ހައްޤުވާ އެލަވަންސްތައް ނުލިބި ލަސްވާތީ އެކަން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްދިނުން އެދި ކޫއްޑޫ މުވައްޒަފުންގެ ފަރާތުން އެ އަތޮޅު ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު އަށް ގުޅާލުމުން ވިދާޅުވީ، ކޫއްޑޫ އެއަރޕޯޓަކީ ގއ. އަތޮޅުގެ މައިދޮރާށި ކަމަށާއި، އެތަނުގައި ވަޒީފާ އަދާކުރަމުން ދަނީ އެ އަތޮޅު ރައްޔިތުން ކަމަށާއި، އެ ރައްޔިތުންނަށް ހައްޤުވާ އެއްޗެއް ނުލިބި ގިނަދުވަސް ވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިހާރުން މިހާރަށް އެ މުވައްޒަފުންގެ ހައްޤު ރުޖޫއަ ކޮށްދިނުމަށް ޕްރިސްޓިން އައިލެންޑްސް އިންވެސްޓްމަންޓް މޯލްޑިވްސް ގެ ވެރިންނަށް ފުއާދު ގޮވާ ލެއްވިއެވެ. އަދި ކޫއްޑޫ އެއަރޕޯޓްގެ ހިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ތަކުރާރުކޮށް އެކައުންސިލާއި ގިނަ ރައްޔިތުން ހިއްސާ ކުރަމުންދާ ކަމަށާއި އަދި އެކަންކަން ހައްލު ކުރުމަށް މެނޭޖްމަންޓާއި، ސަރުކާރުގެ އިދާރާތަކާއި އެކު މަސައްކަތް ކުރަމުންދާކަމަށް ވެސް ފުއާދު ފާހަގަ ކުރެއްވިއެވެ.
ކޫއްޑޫ އެއާޕޯޓް މުވައްޒަފުންގެ ބަހެއް ހޯދާލުމަށް ކުރިމަސައްކަތުން ފޮޓޯ އާއި ނަންނުޖެހުމަށް ޝަރުތުކޮށް އޭއޯ ނިއުސް އާއި ވާހަކަދެއްކި މުވައްޒަފު ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކޮވިޑް19 ގެ ހާލަތާއި ގުޅުވައިގެން މުވައްޒަފުންގެ ހުރިހާ އެލަވަންސް އަކާއި ބޭސިކް ސެލަރީގެ %30 އުނިކޮށްފައިވާ ކަމަށެވެ.
“އެހެން ނަމަވެސް ހޮލިޑޭ ހަދަން ޖެހޭ ހޮލިޑޭ އެލަވަންސެއް ނުލިބޭ! ނުނިކުމެއްޖެއްޔާ، ނާދެ ޖަހާނެ. 3 ދުވަހު ނާދެ ޖެހިއްޖެއްޔާ ވަޒީފާ ގެއްލޭނެ. މިހާރު އޮޕަރޭޝަން އަލުން ފެއްޓިފަހުންވެސް 3 މަހައްވުރެ ގިނަ ވެއްޖެ. ކުރިޔަށްވުރެ ފްލައިޓް ތައްވެސް ގިނަ އެހެން ނަމަވެސް އަދިވެސް ގެޔަށްގެންދަން ލިބެނީ 4000 ރުފިޔާ” މުވައްޒަފު ކިޔައިދިނެވެ.
ކޫއްޑު އެއާޕޯޓް އަކީ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ގެ ވެރިކަމުގައި ގއ. ދިގުރަށް ބަދަލެއްގެ ގޮތުން ދީގެން ހަދަން ހަވާލު ކުރެވުނު އެއާޕޯޓެކެވެ. އަދި ރައީސް ވަހީދުގެ ވެރިކަމުގައި އެއާޕޯޓް ރަންވޭ އެކްސްޓެންޝަން އަށް ގއ، އަތޮޅުގެ އެންމެ ބިން ބޮޑު އެެއް ރަށް ކަމުގައި ވާ މާމުޓާ ބަދަލެއްގެ ގޮތުގައި ހަމަޖެއްސިއެވެ. އަދި އެއާޕޯޓް އޮޕަރޭޓް ކުރުމަށް ބަދަލެއްގެ ގޮތުގައި ކޫއްޑޫގެ ދެކޮނު ކޮޅުގައި އިތުރު ރިޒޯޓެއް ހަދައި ބަދަލުގެ ގޮތުގައި 3 ރިސޯޓް ހޯދައި މިހާރުވެސް ދަނީ އޮޕަރޭޓް ކުރަމުންނެވެ. 3 ރިސޯޓްގެ އަގު ބޮޑު މި އެއާޕޯޓްގެ ފެންވަރު ދަށްވެ މުވައްޒަފުންނަށް ހައްޤުވާ މުސާރަ ކޮޅުވެސް ނުދެވޭ ހާލަތަށް ދިޔުމުން ރަށްތައް ފަޅުކޮށް ހުރިނަމަ ކާށި ކޮޅު ލިބުނީސް ކަމަށް ޤަބޫލުކުރާ މީހުން ވަރަށްގިނައެވެ.