English Edition
Dhivehi Edition
ފުވައްމުލަކު އަމާންވެށި ހުޅުވައި ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ: ފޮޓޯ/ އަލީފް- އޭއޯ ނިއުސް

އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، 11 ކުއްޖަކު ފުވައްމުލަކު ސިޓީގައި ތަރައްގީކޮށްފައިވާ “އަމާން ވެށި” އަށް މިއަދު ބަދަލުކޮށްފިއެވެ.

މި ކުދިންނާއެކު ފުވައްމުލައް ސިޓީ އަށް ވަޑައިގެން، “އަމާން ވެށި” ރަސްމީކޮށް ހުޅުއްވައިދެއްވީ, ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއެވެ.

އަމާންވެއްޓަށް ގެނައި ކުދިންނާ އެކު މިނިސްޓަރ ފުވައްމުލަކަށް ވަޑައިގަންނަވަނީ: ފޮޓޯ އަލީފް- އޭއޯ ނިއުސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށެވެ. ނަމަވެސް މިނިސްޓްރީ އިން އެންމެ ބޮޑު އިސްކަމެއްދެނީ މިފަދަ ކުދިން މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ރަށްރަށުގައި ގާއިމު ކުރާ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ފުވައްމުލަކުގައި ހުންނަ އަމާން ވެށީގައި މީގެ ކުރިންވެސް ކުދިން ދިރިއުޅެމުން ދޭ. މިއަދު އިތުރަށް 9 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން މި ގެނައީ. ކުދިން އިތުރަށް ގެންނަން ވާއިރަށް އިތުރު ސްޓާފުން ނަގައި ސްޓާފުން ތަމްރީނު ކޮށްފައި މިވަނީ. ފާއިތުވި 3 ދުވަހު ފުވައްމުލަކުގައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ. މި ތަނުގެ ސެކިއުރިޓީއާއި ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ލިބޭގޮތަށް ނިމިފައި ހުރީ” މިނިސްޓަރ ވިދާޅުވިއެވެ

32 ކުދިންނަށް ތިބެވޭ ގޮތަށް ހަދާފައިވާ އަމާން ވެށީގައި 20 ކުދިންނަށް ވުރެ ގިނައިން އިތުރުކުރުމަށް ބޭނުން ނުވާ ކަމަށާއި ކުދިން ސްކޫލަށް ފޮނުވައި ހޯމްވޯކް ހަދައި އެދެވޭ ގޮތުގައި ތަރުބިއްޔަތުކޮށް ރަނގަޅަށް މެނޭޖް ކުރެވޭނީ ކުދިންގެ އަދަދު މަދުކޮށްގެން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ނިމިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށި އަމާން ވެއްޓަށް ބަދަލުކުރެވިފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ށ.ފުނަދޫއަށް 16 ކުއްޖަކު ވަނީ ބަދަލުކޮށްފައެވެ.

އެކި ސަބަބުތަކާހުރެ، ސަރުކާރުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު ސަރަހައްދު ތަކުގައި އަމާން ވެށިތައް އަންނަނީ ތަރައްގީކުރަމުންނެވެ.