މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ ބައްދަލުކުރައްވައިފިއެވެ.
އައްޑޫސިޓީ އަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން ބުދަދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފްއާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުުރުން ޖެންޑަރ މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި އަނިޔާލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް ފުލުހުންނާ މަޝްވަރާކޮށްފައެވެ
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ދާއިރާތަކެއް ކަނޑައަޅާފައިވާއިރު ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަނިޔާލިބޭ ކުދިން ދެނެގަނެ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ އަދި ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުވައި އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންނާއި ފެމިލީ އެންޑް ޗިލްރެން ސަރވިސް ސެންޓަރ ހިމެނޭގޮތަށް އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.