English Edition
Dhivehi Edition

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ ގެ ބައްޕާފުޅު ސ. ހިތަދޫ ބީޗްވިލާ މުޙައްމަދު އިބްރާހިމް ދީދީ އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އެމަނިކްފާނުގެ ޢުމުރުފުޅަކީ 86 އަހަރެވެ. ދިގު މުއްދަތެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު އިބްރާހިމް ދީދީއަކީ ކުރީގެ ހިތަދޫ މެދު ދާއިރާގެ މަޖިލީސް މެމްބަރު ބްރިގޭޑިއަރ ރިޓަޔާޑް ޖެނެރަލް އިބްރާހިމް ދީދީ ގެވެސް ބައްޕާފުޅެވެ.

މަދްރަސަތުއްސަނިއްޔާއިން ތަޢުލީމު ހާސިލުކުރެއްވި މުޙައްމަދު އިބްރާހީމްދީދީއަކީ، އައްޑުއަތޮޅުގެ ތަރައްޤީއަށް، ޚާއްޞަކޮށް ހިތަދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1964 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ޚިދުމަތަށް ނުކުމެވަޑައިގެންނެވީ މުޙައްމަދު އިބްރާހީމްދީދީގެ ޒުވާން އުމުރުފުޅުގައެވެ. ހިތަދުއަށް އެކި ރޮނގުރޮނގުން ތަރައްޤީއާއި ތަހުޒީބުކަން ގެންނެވުމުގެ ޢަޒުމުގައެވެ. ހިތަދޫ ގައުކެޑިއާއި ހަންކެޑެ ގުޅައިލުމަށް އެޅުއްވި ފާލަމަކީ، ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، މުޙައްމަދު އިބްރާހީމްދީދީގެ ސީދާ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

މުޙައްމަދު އިބްރާހީމްދީދީއަކީ، ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

އައްޑުއަތޮޅުގައި ސަރުކާރުން އޭރު ހިންގެވި ޢުމްރާނީ، އިޤްތިޞާދީ، ތަޢުލީމީ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުޙައްމަދު އިބްރާހީމްދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. ހިތަދޫ ބޮޑުކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ޤާއިމު ކުރެވުނު ސ.އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރެވިގެން ދިޔައީ، މުޙައްމަދު އިބްރާހީމްދީދީގެ މިންނެތް މަސައްކަތްޕުޅުންނެވެ. އަދި އައްޑުއަތޮޅުގައި ސަދަން ސެކަންޑްރީ ސްކޫލް ބިނާކުރެވުނީވެސް، މުޙައްމަދު އިބްރާހީމްދީދީގެ އަތޮޅުވެރިކަމުގައެވެ. މިތަންތަން ބިނާކުރެވުމުން، އައްޑުއަތޮޅުގެ ދަރީންނަށާއި، އެހެން އަތޮޅުތަކުގެ ދަރީންނަށް ތަޢުލީމު އުނގެނުމަށް ފުރުސަތު ލިބިގެން ދިޔައެވެ. މިއީ، ދުރުވިސްނުމާއި، ކެރުމާއި ހިތްވަރާއެކު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މުޙައްމަދު އިބްރާހީމްދީދީ، ހިތަދޫގެ ވެރިކަމުގެ މަގާމުތަކުގައްޔާއި، އައްޑުއަތޮޅު އަތޮޅުވެރިކަމުގައި ހުންނަވައިގެން ކުރެއްވި ފާހަގަކޮށްލެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ އަމަންއަމާންކަން ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގައި ހިނގާ ކަންކަން، އެ ރަށްރަށަށް ވަޑައިގެން ގާތުން ބައްލަވައި، އިދާރީ ހިންގުން ހަރުދަނާ ކުރެއްވުމަށް އިރުޝާދު ދެއްވުމާއި، ރަށްރަށުގައި ހިނގާ މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ރަށްރަށުގެ ވެރީންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.

އައްޑުއަތޮޅަށްކުރި ބޮޑުވިއްސާރައިގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހުނު މީހުންނަށް އެހީތެރިވެދެއްވުމާއި، ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް ރަށްރަށުގެ ރައްޔިތުންނަށް ހިތްވަރު ދެއްވައި އެ ދުވަސްތައް ފާހަގަކުރުވުންފަދަ ކަންކަމަކީ، މުޙައްމަދު އިބްރާހީމް ދީދީގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ. އައްޑުއަތޮޅުގައި ބޭއްވި އަތޮޅުވެރީންގެ ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމުގައިވެސް ޢަމަލީ ގޮތުން މުހިއްމު ދައުރެއް މުޙައްމަދު އިބްރާހީމްދީދީ އަދާކުރެއްވިއެވެ.

ސަރުކާރުން ހުޅުމީދޫގައި ޤާއިމުކުރެއްވި ޞިއްޙީ މަރުކަޒު ބިނާކުރެއްވުމުގައްޔާއި، އައްޑުއަތޮޅުގެ ރަށްރަށް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ރަށްގިރުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމާއި، ރަށްރަށް ފެހިކުރުމުގެގޮތުންނާއި، ހުސްބިންތަކުގައި ރުއްގަސް އިންދުމާއި، އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގެވުންފަދަ ކަންތައްތަކަކީ، މުޙައްމަދު އިބްރާހީމްދީދީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކެވެ. ދަތުރުފަތުރުގެ ފަސޭހައަށް، ގަމާއި، ފޭދޫ އެއްގަމުން ގުޅާލުމުގެ މަސައްކަތާއި، ރަށްރަށުގައި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުތަކާއި، ދަނޑުވެރިކަން ކުރެވޭނޭ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުގައިވެސް، މުޙައްމަދު އިބްރާހީމްދީދީ އިސް ދައުރެއް އަދާކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމްދީދީ، ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ، 43 އަހަރަށްވުރެ ގިނަދުވަހު، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!