އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުމަށް ހާއްސަ ގާނޫނެއް އަންނަ އަހަރު އެކުލަވާލާނެ ކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ޖެންޑަރ މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ބޭނުމަކީ މުއްސަނދިންނާއި ފަގީރުންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުން ކަމަށެވެ.
ރާއްޖޭގައި ދެމުން އަންނަ އާސަންދައިން ހިދުމަތް ދެމުން އަންނަނީ މުޖުތަމައުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ނުބައްދަލު ހޭދައެއް އާސަންދައިން ކުރަން މަޖުބޫރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ މިފްރޭމްވޯކް ނުވަތަ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތުގެ އިންޝިއުރަންސް ނުވަތަ އާސަންނަ ހިދުމަތްތައްދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު “ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު” މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މި ގާނޫނަކަށް ވުމުން ބޮޑެތި ބަދަލުތަކެއް އައިސް، ދައުލަތުން ކުރަން ޖެހޭ ހަރަދަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިންގެ ބޭސްފަރުވާއަށް 2014 އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމް “އާސަންދަ”އިގެ ދަށުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއެވެ.