އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
މައުމޫންގެ ލިޔުއްވުމެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނުއޮއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަަމަށެވެ.
މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18:14 ގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގައި ކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ މި މަހުގެ 31ވާ ހޯމަ ދުވަހެވެ.