English Edition
Dhivehi Edition

އިންސާނީ ނަސްލު އޮޅިގެން ނުދާނެ ގޮތުން އިންސާނީ ނަސްލު ދެމިގެން ދިޔުމަށްޓަކައި އިސްލާމް ދީނުގައި ހަރުދަނާ ނިޒާމެއް ލައްވަވާފައިވެއެވެ. އެއީ ކައިވެންޏެވެ. ކައިވެނީގެ ހަފްލާ ކުރިއަށް ދެވޭ ހިނދެވެ. ކައިވެނި ކޮއްދޭ ޤާޒީ އައިސް ކައިވެނި ވެވޭ ދެމީހުންނާއެކު އިށީންނަ ހިނދު އެންމެން ހަނު ތިބެއެވެ. ދެ ހެކިވެރިންނާއި އަންހެން ކުއްޖާގެ ވަލީވެރިޔާ އަދި ދެފަރާތުގެ އާއިލާ އަދި އެކުވެރިން ހިމެނޭ ހެންނެވެ. ހަނުތިބުންވަނީ ޔަޤީނުންވެސް ޙުތުބާގެ މުހިންމުކަމުންކަން ޔަޤީނެވެ. އިސާހިތަކު ކައިވެނި ކޮއްދޭ ޤާޒީ ކައިވެނީގެ ޙުތުބާ އިއްވަމުން ފަށައެވެ.

އެންމެހާ ހަމްދު ޘަނާ ހައްޤު ވަނީ ގަދަ ކީރިތި ވަންތަ މާތްاللهއަށެވެ. ރަސޫލާ صلي الله عليه وسلم އަށް ސަލަވާތް ކިޔުމަށް ފަހު ޤާޒީ ބުނާތީ އަޑުއެހީމެވެ.

މާތް الله ވަޙީ ކުރައްވާފައިވެއެވެ. “ ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސް ތަކުން، އަނބީންހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަމާއި އޯގާވެރިކަން ލެއްވިއެވެ. ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ “

އިތުރަށް ޙުތުބާ އިއްވަމުން ޤާޒީ ބުނާތީ އަޑުއެހީމެވެ. ކައިވެންޏަކީ އާދަމުގެ ދަރިންގެ ދަރިފަސްކޮޅު ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ޝަރުއުގައި ކަނޑައަޅުއްވާފައިވާ މާތް އަޤްދެކެވެ. ކައިވެނީގެ ދެފަރާތުން އެ އަޤްދަށް ހުރުމަތްތެރިކޮށް ހިތައި، އެއަޤްދަށް ރައްކާތެރިވުމަކީ ދެމީހުންގެ މައްޗަށް ވާޖިބު ކަމެކެވެ.އިސްލާމް ދީނުގައި ކާވެންޏަކީ، ދެޖިންސްގެ ދެމީހެއްގެ ދިރިއުޅުން ގުޅާލައި އެއްދިރިއުޅުމަކަށްވާ ގޮތަކަށް ބަނދެލާ ބަނދެލެވުމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިންގެ ދިރިއުޅުން އޮންނާނީ، އެއް ދިރިއުޅުމަކަށް ވެފައެވެ. ދިރިއުޅުމުގައި އެކަކަށް ލިބޭ އުފަލަކީ އަނެކަކަށް ލިބޭ އުފަލެކެވެ. އެކަކަށް ލިބޭ ހިތާމައާއި ވޭނަކީ އަނެކަކަށް ލިބޭ ހިތާމައާއި ވޭނެކެވެ. މިގޮތުން އުފެދޭ ކޮންމެ ޒަވާޖީ ހަޔާތެއްމެ އޮންނާނީ ،އިސްލާމްދީންގެ ހަމަތަކުގެ މަތީގައިކަމެވެ.

މިހެން މިކަން ހަމަޖެހިފައި އޮތުމުގެ ސަބަބުން، މި ކައިވެނީގެ ދެފަރާތަށް ނަސޭހަތްތެރިވެ އިރުޝާދު ދިނުމުގެ ގޮތުން އަންގަމެވެ! ކައިވެނިވާ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެ، އެކަކު އަނެކަކުގެ މައްޗަށް ތެދުވެރިވެ ވަފާތެރިވެ، އެކެއްގެ މައްޗަށް އަނެކަކު ހިތްހެޔޮ ކަމާއި އެކު އެހީވެ ސުލްހަ މަސަލަސްކަމާއި އެކުވެރިކަމުގައި އުޅެންވާނެއެވެ. އެކަކުވެސް އަނެކެއްގެ މައްޗަށް އަނިޔާވެރިވެ އިހާނެތިކަމެއްކޮށްގެން ނުވާނެއެވެ. އަދި އެކެއްގެ ހިތަށް ދަތިކަމެއްލިބި، ދެމަފިރިން ދެމެދުގައި އޮންނަންވާ ލޯތްބާއި އޯގާތެރިކަމާއި އެކުވެރިކަމަށް ބަދަލު އަތުވެދާފަދަ ބޭއިންސާފު ކަންތައް އަނެކަކު ކޮށްގެން ނުވާނެއެވެ. އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އިންސާފުވެރި ހަމަތަކާއި ހިލާފު ނުވާހާ ހިނދަކު، އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވެ ވަފާތެރިވާންވާނެއެވެ.އަދި ފިރިމީހާވެސް އަނބިމީހާއަށް ހެޔޮކޮށް ހިތައި ވަފާތެރިވާންވާނެއެވެ. ދެފަރާތުގެ ހައްޤުތަކާއި ވާޖިބު ތަކަށް ދެފަރާތުންމެ ރައްކާތެރިވެ، އެހައްޤުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރަން ވާނެއެވެ. ދަރިން ލިބިއްޖެ ނަމަ އެދަރިން ބަލައި އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ، ދަރިންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި އަދާކުރަންވާނެއެވެ.

މިހެން ބުނެ ޤާޒީ ދެފާރާތަށް ކައިވެނި އަޤްދު ކޮއްދެއެވެ.

ވިސްނާލަމާ ހިނގާށެވެ! ހަޤީޤަތުގައިވެސް ކައިވެނީގެ ހުތުބާ އަޑުއަހައި އެޙުތުބާގައި ދެވުނު ނަސޭހަތަށް އަމަލު ކުރެވޭ ހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް ލިބޭ އުފަލުގައި ބައިވެރި ވެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އެކަކު އަނެކަކަށް ލިބޭ އުފަލުގައި ބައިވެރި ވުމަށްވުރެ ތިމާއަށް ލިބޭ އުފަލުގައި ބައިވެރިޔާ ބާކީ ކޮށް ރައްޓެހިން އިސްކުރެވޭ ހެއްޔެވެ؟

ދެމަފިރިން އެކަކު އަނެކަކަށް ދިމާވާ ހިތާމަތައް ހިއްސާކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ތިމާގެ ހިތަށް ނުތަނަވަސްކަން ވެރިވެ ދެރަވާ ހިނދު އެ އުދާސް އަޑުއަހަން ބައިވެރިޔާއަށް ހުރެވޭ ހެެއްޔެވެ؟ އެއް ދިރިއުޅުމަކަށް ވެފައިވާ ދެމީހުންގެ ހިތުގެ އުދާސްތައް އެކަކު އަނެކަކަށް ކިޔާދެވި އެ އަޑުއަހާ އެއީ ތިމާއަށްވެސް ވީ ތަދެއްކަން އިޙްސާސް ވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހިތްހަމަ ނުޖެހޭ ވަގުތުތަކުގައި އޯގާތެރިކަން އިސްކުރެވޭ ހެއްޔެވެ؟ ބައިވެރިޔާއަށް މުއާމަލާތް ކުރުން ހުއްޓާ ގުޅުން ހީނަރުވާން ދޫކުރެވޭ ހެއްޔެވެ؟ ކައިވެނީގައި ތިމާއަށް ވަފާތެރިކަން މަތީ ހުރެވޭ ހެއްޔެވެ؟ ފިރިމީހާއަށް އަނބިމީހާއަށް އޯގާތެރިވެވޭ ހެއްޔެވެ؟ އަނބިމީހާއަށް ފިރިމީހާއަށް ކިޔަމަންވެވޭ ހެެއްޔެވެ؟ ދަރިންގެ ހައްޤުތައް އަދާކުރޭ ހެއްޔެވެ؟ އަމިއްލަ ނަފްސާއި ސުވާލުކޮށް ނަފްސް އިސްލާޙް ކުރަން ހިނގާށެވެ!

ކައިވެނީގެ ޙުތުބާ އާއި މެދު ސަމާލުވެ އަމަލުކުރެވުނީ ކިހާވަރަކަށްތޯ ވިސްނަމާ ހިނގާށެވެ؟އިޙްމާލް ވެވުނީ ކޮންކަމަކަށްތޯ ބަލާ ކައިވެނީގެ ގުޅުން ވަރުގަދަ ކުރަން ހިނގާށެވެ!

ޔަގީނުންވެސް ކައިވެންޏަކީ އެތަށް ގޮތަކުން ލިބޭ ރައްކާތެރިކަމެކެވެ. ދެވޭ ފަރުވާއެކެވެ. ކައިވެންޏަކީ މުސްލިމް މީހާގެ ދީނުގެ ދެބައިކުޅައެއްބައި ފުރިހަމަ ކޮށްދޭ ކަމެކެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.(من تزوج احرز نصف دينه فليتق الله في النصف الآخر) މާނައީ ހަމަކަށަވަރުން ކައިވެނި ކޮށްފިމީހާ އޭނާގެ ދީނުގެ ދެބައިކުޅައެއްބައި ލިބިގަނެފިއެވެ.އަނެއްބައި ލިބިގަތުމަށްޓަކައި އޭނާ ﷲއަށް ތަޤްވާވެރިވުންވެއެވެ.

ކައިވެންޏަކީ މަތިވެރިކަމެކެވެ. ރައްކާތެރިކަމެކެވެ. އިއްފަތްތެރިކަން ރައްކާތެރިކޮށްދޭނެކަމެކެވެ. މިމާތް ގުޅުން ދަމަހައްޓަން ހިނގާށެވެ.