ބޮލީވުޑުގެ އެކްޓަރު އަދި ނެށުންތެރިއެއް ކަމަށްވާ ރާކީ ސާވަންތު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާދިލް އާއި ކައިވެނިކޮށްފައިވާކަން ފަޅާއަރައިފިއެވެ.
ރާކީގެ އޮފިޝަލް އިންސްޓަގްރާމްގައި ކައިވެނި ކުރިކަން އިއުލާން ކޮށްފައި ނުވިޔަސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މި ދެމީހުންގެ ކައިވެނީގެ ފޮޓޯ ހިއްސާކޮށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ރާކީ ކައިވެނި ކޮށްފައިވަނީ ކޯޓުގައި ސިއްރުންނެވެ. ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ރާކީ އާއި އާދިލް ކައިވެނީގެ ހެދުމުގައި ސެޓްފިކެޓް ހިފަހައްޓައިގެން ތިބޭ މަންޒަރެވެ. ފޮޓޯއިން ފެންނަ ސެޓްފިކެޓްގެ ތާރީހަށް ބަލާއިރު ރާކީ އާއި އާދިލް ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ.
ރާކީ މީގެ ކުރިންވެސް ސިއްރުން ރިތޭޝް ކިޔާމީހަކާ ކައިވެނި ކޮށްފައި ވެއެވެ. ނަމަވެސް ބިގް ބޮސް14، ތެރޭގައި އޭނާވަނީ ރިތޭޝް އަކީ މަކަރު ވެރިއެއް ކަމަށްބުނެ ފައެވެ. އަދި ރިތޭޝް ރާކީ އާއި ކައިވެނި ކުރީވެސް އެހެން އަންހެނަކާ ކައިވެނިކޮށްގެން ހުރެކަމަށް ބުނެފައިވެއެވެ. އަދި ދެމީހުންގެ ހުރި ތަފާތު ތަކާއެކު ވެސް އެކުގައި އުޅެން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމުގައި ވާތީ އެގޮތަށް އެކަން ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
ދާދިފަހުން ރާކީ ބުނެފައިވަނީ އޭނާގެ މަންމަ އަށް އަލުން ކެންސަރ ޖެހި ހާލު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވާކަމަށެވެ. އެހެން ކަމުން މި ކައިވެނި މިދަނޑި ވަޅުގައި ހާމަވުން މިއީ ހަގީގަތަށް ހިގާފައިވާ ކަމެއްތޯ ބައެއް މީހުންދަނީ ސުވާލު އުފައް ދަމުންނެވެ.
ސަކަ މިޒާޖެއްގެ ރާކީގެ ގިނަ ފޭނުން ދަނީ ކައިވެންޏަށް މަރުހަބާ ކިޔައި މި ދެމީހުންނަށް ހެޔޮދުއާ ކުރަމުންނެވެ.