އިންޑިއާގެ މަހަރާޝްތްރާ އަށް އުފަން ދެމަފިރިން ކައިވެނި ކުރިތާ 20 ދުވަސް ތެރޭގައި އަނބިމީހާ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި އެކު ފިލައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދެމަފިރިން ކައިވެނި ކުރީ އާއިލާމީހުންގެ ރޭވުމަކުން ނެވެ. ކައިވެންޏަށް ފަހު އަނބިމީހާ އުފާވެރި ކޮށް ނޫޅޭކަމަށް އޭނާގެ ފިރިމީހާ ސަނޯޖް އަށް ފާހަނގަ ވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ވެގެން އުޅޭ ގޮތެއް ސާފު ކޮށްލުމުން އަނބިމީހާ ބުނެފައިވަނީ އޭނާގެ ކައިވެނި އާއިލާއިން ކޮށްފައިވަނީ އޭނާގެ ނުރުހުމުގައި ކަމަށެވެ. އަދި އޭނާ ލޯބިވަނީ ދިހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ދެކެކަމަށް ސަނޯޖް ކައިރީ އަނބިމީހާ ބުނެފައި ވެއެވެ.
މި ދެމަފިރިންގެ ކައިވެނި ކޮށްފައިވަނީ ހުސްވި މޭއި މަހު 10 ވަނަ ދުވަހުއެވެ. ފިރިމީހާ ސަނޯޖް މިދެމީހުން އެކުގައި ފިލަން ދޫކޮށްލި ނަމަވެސް އެ ވިލެޖުގެ މީހުންނަށް މިކަންތައް އެނގިގެން ފުލުހުންނަށް ރިޕޯރޓް ކޮށް މިދެމީހުން ފުލުހުންނާ ހަވާލު ކުރިއެވެ.
ފުލުހުން ވަނީ ސަނޯޖް އާއި އޭނާގެ އާއިލާ ގެ އިތުރުން އަންހެން މީހާގެ އާއިލާ މީހުން ހާޒިރުކޮށް މިދެމީހުން ފިލަން މަސައްކަތް ކުރާކަމަށް ބުނެ އަންގާފައެވެ. ނަމަވެސް ފުލުހުންނާއި ދެފަރާތު އާއިލާގެ ހާޒިރުގައި ސަނޯޖް ބުނީ އޭނަގެ ކައިވެންޏަށް 20 ދުވަސް ވީ އިރުވެސް އަނބިމީހާގެ ފަރާތުން އުފާވެރިމެއް ނުފެންނަ ކަމަށާއި އޭނާ ލޯބިވަނީ އެހެން މީހެއް ދެކެކަމަށެވެ. އެހެން ކަމުން ލޯބިވެރިޔާ އާއި އެކު އޭނާ އުޅެން ސަނޯޖް އަނބިމީހާ ދޫކޮށްލީ ހިތްހަމަ ޖެހިގެން ކަމަށް ބުނެ ވަނީ މައްސަލަ ނިންމާފައެވެ.
މި މައްސަލާގައި ފުލުހުންނާއި އާއިލާއިން ވަނީ ސަނޯޖްގެ ނިންމުމަށް ހިތްވަރުދީފައެވެ. އާއިލާ މީހުން ހޯދާ މީހުންނާއި ކައިވެނި ކުރުމުގެ ސަގާފަތަކީ އިންޑިއާގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް އިންޑިއާގެ ވަރަށް ގިނަ އަވަށްތަކުގައި މިހާރު މިސަގާފަތް ދޫކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.