English Edition
Dhivehi Edition

ޢަދާލަތު ޕާޓީގެ ރައީސްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ކުރިމަތިލައްވައިފިއެވެ. މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ގ. އަލިޝާ، އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.

ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން އެ ޕާޓީގެ ރައީސް ގެ މަގާމަށް ކުރިމަތިލާފައިވާކަން ހާމަ ކުރައްވަމުން މީގެކުރިން ވިދާޅުވީ، އެގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައި އޭނާގެ ދައުރު މުހިންމުކަމަށް އޭޕީގެ ގިނަ މެމްބަރުން ފާހަގަކުރައްވާތީ ކަމަށެވެ.

އެ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

ޢަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާއާއި 41.3 ވަނަ މާއްދާގެ ދަށުން ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހު ހަމަވިއިރު، އެ މަޤާމަށް 2 ކެނޑިޑޭޓަކު ކުރިމަތިލާފައިވާކަމަށެވެ.

ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 27 ގެ ކުރިން vote.adhaalath.org.mv އަށް ޒިޔާރަތްކުރައްވާ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބައްލަވާ، ޝަކުވާއެއްވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ، 6،640 އެވެ.