English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުހުކުމް ތަންފީޒުކުރެއްވުމަށް ހުންނަވާ ޔުނިޓުގެ ހާލަތު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ޖަލަށް ވަޑައިގެންފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު، ޖަލުގައި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާ ހާލަތާ ގުޅިގެން އިދިކޮޅުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން ޔާމީން ހުންނަވާ ޖަލު އެޕާޓުމެންޓާއި އަދި ފާހާނާގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހުރިހާ “މޫވްމަންޓެއް” އިމްރާން ގޭގައި ހުންނަވައިގެން ބައްލަވަމުން ގެންދަވާކަމަށް ތުހުމަތު ކުރި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މިއަދު ބުނީ ހޯމް މިނިސްޓަރު އިމްރާނާއެކު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވެސް ޖަލު ބެއްލެވުމަށް ވަޑައިގެންނެވި ކަމަށެވެ. އެ ދެ ބޭފުޅުން ވަޑައިގަތީ ރައީސް ޔާމީން ހުންނަވާ ޔުނިޓަށް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އިދިކޮޅުގެ މި ތުހުމަތުތައް މިނިސްޓަރ އިމްރާން މީގެ ކުރިން ވެސް ވަނީ ދޮގުކުރައްވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޔާމީނުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޒަމީރު ތަންދޭ ކަމެއް ނޫން ކަމަށެވެ.މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކީ ޔާމީން ކަމަށާއި، މިކަމަށް ކަރެކްޝަނުގެ އޮފިސަރުން ހެކިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.