ވިލާ ކޮލެޖްގެ “ކޮމިޔުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް” އައްޑޫގެ 2 ކުއްޖަކަށް ދީފިއެވެ.
މި ސްކޮލަރޝިޕް ހާސިލް ކޮށްފައިވަނީ ސ. ހިތަދޫ ސަރުސޫން އާގޭ އަޙްމަދު މިލްސަން އާއި ސ. ހިތަދޫ ސާރީގޭ ސުފާނީ ނިޒާރެވެ.
ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ކުދިންނަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވެވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ. މި ރަސްމިއްޔާތުގައި އެ ކޮލެޖްގެ ރެކްޓަރ ޑރ އަންވަރުވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ “ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ” ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހިލޭ ކިޔެވުމަށް ހުޅުވާލެވުނު ދެ ފުރުޞަތެވެ. މި ފުރުސަތުގެ ދަށުން އެއް ޑިގްރީ ޕްރޮގްރާމާއި އެއް މާސްޓާސް ޕްރޮގްރާމު ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ.
މިއީ 2016 ވަނަ އަހަރުންފެށިގެން ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި އެ ކެމްޕަސްތައް ހުންނަ އަތޮޅު ނުވަތަ ރަށު ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ނަމުގައި އެ ކޮލެޖުގައި ހިލޭ މަތީތައުލީމު ހާސިލް ކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުސަތެކެވެ
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ޕްރޮގްރާމުގައި ވިލާ ކޮލެޖުގެ ޕާރޓްނަރެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު ސޮއިކުރެވުނީ 2017 އޭޕްރީލް 4 ވަނަ ވަނަ ދުވަހު ގައެވެ.އޭގެފަހުން ކޮންމެ އަހަރަކު އައްޑުސިޓީގެ ދެދަރިވަރަކަށް މަތީތަޢުލީމުގެ ފުރުސަތު ވިލާކޮލެޖުންވަނީ ފަހިކޮށްދީފައެވެ.