އައްޑޫގައި ސަރުކާރުގެ އިސްކޫލެއް ހުޅުވިތާ 40 އަހަރު ފުރުން އިއްޔެ ފާހަގަކޮށްފިއެވެ. މިއީ އައްޑޫގެ ރައްޔިތުން އެކަން އުފަލާއެކު ފާހަގަ ކުރަންވީ ދުވަހެކެވެ.
މީލާދީން1981 ވަނަ އަހަރު ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ސ. ހިތަދޫގައި ހުޅުވި ‘އައްޑު އަތޮޅު ކޮމިއުނިޓީ އިސްކޫލު’ ހުޅުވިތާ 40 އަހަރު ފުރުނު ދުވަހެވެ.
ކޮމިއުނިޓީ ސްކޫލޭ ކިޔާ ސްކޫލެއް މިއަދު ފެންނަން ނެތްކަމުގައި ވިޔަސް ޝަރަފުއްދީން ސްކޫލްގައި އިއްޔެ ފާހަގަ ކުރީ ކޮމިއުނިޓީ ސްކޫލްގެ ސާޅީސް ވަނަ އަހަރީ ދުވަހެވެ. ޝަރަފުއްދީން ސްކޫލްގައި ކޮމިއުނިޓީ ސްކޫލްގެ އަހަރީދުވަސް ފާހަގަ ކުރަމުންދަނީ ސަބަބުތަކެއް ހުރެގެންނެވެ. ޝަރަފުއްދީން ސްކޫލަކީ ކުރީގެ ކޮމިއުނިޓީ ސްކޫލެވެ.
ޝަރަފުއްދީން ސްކޫލްގެ ފެށުމަށް ބަލައިލީމާ ނުވަތަ ކޮމިއުނިޓީ ސްކޫލަށް ވެގެންދިޔަގޮތުގެ މައުލޫމާތު ހޯދައިލީމާ އެ ސްކޫލަށް ވެގެން ދިޔަގޮތް ވަރަށް ރަގަޅަށް ސާފުވާނެއެވެ. ކޮމިއުނިޓީ ސްކޫލްގެ ނަން އެންމެފުރަތަމަ ބަދަލުވީ ސ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. އަތޮޅުތެރޭގައި ސާނަވީ ފެންވަރަށް އުނގަންނައިދޭން ފެށި ފުރަތަމަ ސްކޫލަކީވެސް މިދެންނެވި ތައުލީމީ މަރުކަޒެވެ. އެއީ 1991 ވަނަ އަހަރެވެ.
ތައުލީމީ މަރުކަޒު ބަރާބަރަށް ކުރިއަށް ދަނިކޮށް ސަރުކާރުން ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ސާނަވީ ފެންވަރަށް އުނގަންނައިދޭ އެހެން ސްކޫލެއް ތައުލީމީ މަރުކަޒުގެ ދެކުނުފަރާތުން ޖެހިގެންއޮތް ބިމުގައި ބިނާކުރިއެވެ. އެއީ އެތައް ބައެއްގެ ހަނދާންތަކާއި ގުޅިފައިވާ ސަދަން ސެކަންޑަރީ ސްކޫލެވެ. އެ ސްކޫލު ހުޅުވީ 1992 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ސަތާރަ ވަނަ ދުވަހުއެވެ.
ސަދަން ސެކަންޑަރީ ސްކޫލު ހުޅުވުމާއެކު ތައުލީމީ މަރުކަޒުގެ ގުރޭޑް އަށަކާއި ނުވައެއްގައި ކިޔަވަމުން އައި ދަރިވަރުން އައު ސްކޫލަށް ބަދަލުކުރިއެވެ. އަހަރުތަކަކަށްފަހު ސަރުކާރުން ސަދަން ސެކަންޑަރީ ސްކޫލްގެ ނަން މުހިއްބުއްދީން ސްކޫލްގެ ނަމަށް ބަދަލުކުރިއެވެ. އެއީ 2001 ވަނަ އަހަރު ޖަނަވަރީ މަހުގެ އެއްވަނަ ދުވަހެވެ. މިބަދަލާއެކު މުހިއްބުއްދީން ސްކޫލްގައި މަތީ ސާނަވީއަށްވެސް ކިޔަވައިދޭން ފެށިއެވެ.
އައްޑޫ ހައި ސްކޫލުގެ ނަމުގައި މަތީސާނަވީއަށް ކިޔަވައިދޭ ސްކޫލެއް 2011 ވަނަ އަހަރު ޖަނަވަރީ އެކެއްގައި ހުޅުވައި މުހިއްބުއްދީން ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވަމުންދިޔަ ދަރިވަރުން އެ ސްކޫލަށް ބަދަލުކުރުމާ ހަމައަށްވެސް މުހިއްބުއްދީން ސްކޫލްގައި މަތީ ސާނަވީއަށް އުނގަންނައިދިނެވެ.
މިބަދަލާއެކީގައި މުހިއްބުއްދީން ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒަކީ އެއް ސްކޫލް ކަމުގައިވެސް ސަރުކާރުން ކަޑައެޅިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ސްކޫލްގެ ނަން ޝަރަފުއްދީން ސްކޫލްގެ ނަމަށް ބަދަލުކޮށް އެ ސްކޫލްގައި ކުރިއެކޭވެސް އެއްގޮތަށް ގްރޭޑް އެކަކުން ދިހައަކާ ހަމައަށް އުގަންނައިދެމުން ދިޔައެވެ. އެހެންވީމާ މިއަދު ފެންނަން އެހުރި ޝަރަފުއްދީން ސްކޫލަކީ ކުރީގެ ކޮމިއުނިޓީ ސްކޫލެވެ.