English Edition
Dhivehi Edition

މިސްރުގެ ސީނާ ސަރަހައްދުގައި އައި.އެސް އިން ދިން ބޮމުގެ ހަމަލާއެއްގައި އަށާރަ މީހަކު މަރުވެ އިތުރު ހަތް މީހަކު ޒަޙަމް ވެއްޖެއެވެ.

ހޯމަ ދުވަހު މި ހަމަލާދީފައި މިވަނީ މިސްރު ފުލުހުންގެ ކޮންވޮއި އަކަށެވެ. ނަން ހާމަ ނުކުރުމަށް އެދި މިސްރު ސިފައިންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މި ހަމަލާ ދީފައި ވަނީ މަގުގެ އެއްފަޅީގައި ބޮން ބަހައްޓައިގެން އެމީހުންނަށް ފާރަލައިގެންނެވެ. އަދި ބޮން ގޮވުމަށް ފަހު ހަނގުރާމަވެރިން ވަނީ ބަޑީގެ ހަމަލާވެސް ދިފައެވެ. އަދި ފުލުހުންގެ ޓްރަކެއްވެސް ވަނީ ނަގާފައެވެ. އައި އެސް އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ.

މި ހަމަލާދީފައިވަނީ އުތުރު ސީނާ ސަރަހައްދުގައި، އަލް އަރީޝްގެ 30 ކިލޯމީޓަރު ހުޅަނގުންނެވެ. އަލް އަރީޝް އަކީ އައި.އެސް އާއި ގުޅުން ހުރި ޖަމާއަތްތަކުން ހަނގުރާމަ މިވަގުތު ކުރިއައް ގެންދާ ސަރަހައްދެކެވެ.

މިސްރުގެ ބޮޑުވަޒީރުގެ އޮފީހުން މި ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނެއްގައި މި ހަމަލާ ސިފަ ކޮއްފައި ވަނީ ބަޤާވާތްތެރި ހަމަލާއެއް ގޮތުގައެވެ. އަދި މިސްރުގެ އަމަން ކަމާއި ރައްޔިތުންގެ ރޫހާ ދެކޮޅަށް ދޭ މިފަދަ ހަމަލާތަކާ ދެކޮޅަށް ފުރިހަމަ ބާރުގައި މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ ޖުލައި މަހު މިސްރު ސިފައިންގެ ޖަގަހައަކަށް ހަމަލާދީ 23 ސިފައިން މަރާލި ފަހުން މިފަހަކަށް އައިސް ހަންގުރާމަވެރިންގެ ފަރާތުން ސަލާމަތީ ބާރު ތަކާ ދެކޮޅަށް މިސްރުގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާ އައިސްފައި މިވަނީ މިސްރު ސަރުކާރުން ވެރިރަށް ކައިރޯ އަށް ހަމަލާ ދޭން އުޅުނު ބަޔަކު އަތުލައިގަނެފައިވާ ކަމަށް ބުނިތާ އެއްދުވަސް ފަހުންނެވެ. މިސްރު ފުލުހުން ބުނެފައި ވަނީ އެ ހަމަލާގައި ހަންގުރާމަވެރިންގެ 10 މީހުން ކައިރޯގެ މީހުން ގިނަ އަވަށެއްގެ ތެރޭގައި ހުރި އިމާރާތެއްގައި މަރާލި ކަމަށެވެ.

މިސްރުގެ ސީނާ ސަރަހައްދަކީ މިފަހަކަށް އައިސް ހަނގުރާމަވެރިން ގިނަވެ ހަމަލާތައް ގިނަ ވެފައިވާ ސަރަހައްދެކެވެ.